މިފްކޯގެ މަސްކިރާ ބޯޓު ފްލީޓަށް އަލަށް އިތުރުކުރާ 4 ބޯޓުގެ ތެރެއިން، ދުވާލަކު 120 ޓަނުގެ މަސްކިރުވޭ ބޯޓެއް މިފްކޯއަށް ގަނެފި އެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަލަށް ގަތް ބޯޓު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށެވެ.

މިފްކޯގެ ފްލީޓަށް އިތުރުކުރާ އާ މަސްކިރާ ބޯޓު "ޖަޒީރާ 103" ބޯޓު ކޮރެއާއިން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މި ބޯޓު ރާއްޖެ އާދެވޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ 6 ނުވަތަ 7 ވަނަ ދުވަހު އެވެ.

މިފްކޯއިން ބުނީ "ޖަޒީރާ 103"އަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސްކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށް ހަދާފައިވާ ބޯޓެއް ކަމަށެވެ. އަދި މި ބޯޓަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މިފްކޯއިން ބުނީ އެ ކުންފުންޏަށް ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓު ވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ޑޮކުކޮށްފަ އެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ބޯޓަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުނެ އެވެ. މިއިން ކޮންމެ ބޯޓެއްގައި ދުވާލަކު 60 ޓަނު މަސް ގަނެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މަސް ކިރާ ކެޕޭސިޓީ އިތުރުކުރުމަށް 2021 ވަނަ އަހަރުވެސް މިފްކޯއިން ވަނީ 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި އަދި ދުވާލަކު 120 ޓަނުގެ މަސްް ގަނޑުކުރެވޭ އުޅަނދަކާ، މަސް އެކްސްޕޯޓުކުރަން 2،400 ޓަނުގެ ކެރިއާ ވެސެލްއެއް ވެސް ހޯދައިފަ އެވެ.