ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ހުޅުމާލެ ފޭސް-2 ގައި ހެދި ރޯދަ މާޓް ހުޅުވައިފި އެވެ.

ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރޯދަ މާޓް ހުޅުވާ ދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހުސެން އަމްރު އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

ރޯދައާ ދިމާކޮށް އެ ފިހާރަ ހުޅުވިއިރު އެތަނުން ކަސްޓަމަރުންގެ އެންމެ ބޮޑު ޑިމާންޑެއް އުފެދޭ ބާވަތްތައް ކަމުގައިވާ ފިޔާ، އަލުވި އަދި ބިސް ވެސް ލިބޭނެ އެވެ.

އެސްޓީއޯއިން ބުނިގޮތުގައި ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް-9 ގެ ތިރީގައި ހުޅުވި މި ފިހާރައިގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު އަގެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

އެސްޓީއޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ރޯދަ މާޓު ފިހާރަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ބައްލަވާލައްވަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނިގޮތުގައި ހޯލްސޭލް އަދި ރީޓެއިލް ހިދުމަތް ވެސް ލިބޭ ގޮތަށް ހުޅުވާފައިވާ މި ފިހާރައިން، އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އެސްޓީއޯއިން ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ މުދާ ވެސް ލިބޭނެ އެވެ. މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން އެތެރެ ކުރެވޭ ފިޔާ، އަލުވި، އަދި ބިސް ވެސް މި ފިހާރައިން ލިބޭނެ އެވެ.