އުރީދޫއިން ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޮކީ ބޯޅަ މުބާރާތް އިއުލާންކޮށް، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕާ ފުޓްބޯޅަ އެވެ. މި މުބާރާތް އިންތިޒާމްކޮށްފައި ވަނީ އުރީދޫގެ ބްރޭންޑް އެމްބަސަޑަ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއެކު އެވެ.

ބަމްޕަ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދުމަށް ކޯޕަރޭޓްތަކަށް މިހާރު އުރީދޫގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ވެވޭނެ އެވެ. ރެޖިސްޓާވުމަށް http://ore.do/bokiboalha ޒިޔާރާތްކުރާށެވެ.

މިމުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވާއިރު، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 އިން 8 އަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ރެޖިސްޓްރޭޝަން ފުރިހަމަ ކުރަންޖެހެ އެވެ.

އުރީދޫން ބުނިގޮތުގައި މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއް ވެސް ދޭން ނިންމާފައިވެ އެވެ. އެއްވަނަ އަށް ހޮވޭ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ހޮވޭ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގައި ބައިވެރިވާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ އެވެ. 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފި ނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުންނެވެ. ކޮންމެ ޓީމެއްގައި 8 ކުޅުންތެރިންނާއި ގިނަވެގެން 3 އޮފިޝަލުން ތިބެންޖެހެ އެވެ. މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިން ބޭނުންވާނެ އެވެ.

މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.

އުރީދޫން ބުނިގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރަމަޟާން މަހު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް އިވެންޓް ކަމަށްވާ އުރީދޫ މަސްރޭސް ބާއްވާފަ އެވެ. ނަމަވެސް ކަސްޓަމަރުންނާއި ބައިވެރިންގެ އަގުހުރި ފީޑްބެކްގެ މައްޗަށް ބިނާކޮށް މަސްރޭސް މިއަހަރުގެ ރަމަޟާން މަހަށްފަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މަސްރޭހުގެ އާ ތާރީހުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"އުރީދޫ އަދި މާޒިޔާއިން އުރީދޫ ބޮކި ބޯޅަ އަކީ ބައިވެރިންނަށް ތަފާތު އަދި މަޖާ މުބާރާތަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން،" އެ ކުންފުނިން ބުންޏެވެ.