ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭނެއް ގެނެސްފި މިއަދު ރާއްޖެ ގެނެސްފި އެވެ.

މި ބޯޓާއެކު އެ ކުންފުނީގެ ބޯޓުގެ އަދަދު 62 އަށް އިތުރުވީ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭއަށް އެންމެ ފަހުން ގެނައީ ޑީއެޗްސީ-6 ޓްވިން އޮޓާސް މަރުކާގެ ބޯޓެކެވެ.

އެ ކުންފުނިން ބުނީ މި ބޯޓު ގެނައީ ރާއްޖޭގެ ޓޫރިޒަމް ހަރަކާތްތައް އިތުރުވަމުން އަންނާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ޓީއެމްއޭގެ ފްލީޓް ބޮޑުކުރަމުން އަންނައިރު، ރާއްޖޭގެ ޓޫރިޒަމް ފުޅާވެ، އިތުރު ރިސޯޓުތަކެެއް ވެސް އަންނަނީ ހުޅުވަމުންކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ޓީއެމްއޭ އިން އަލަށް ގެނައި ބޯޓު ކައިރީގައި އެ ބޯޓުގެ ކްރޫންތަކެއް މަޑުކޮށްލައިގެން. ފޮޓޯ: ޓީއެމްއޭ

ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނު ފަހުން މިވީ ދުވަސްތަކުގެ ތެރޭގައި ޓީއެމްއޭ އިން 10 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އާ ރިސޯޓްތަކަށް ހިދުމަތް ދޭނެ ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.

މި އަހަރަކީ ޓީއެމްއޭއަށް އިތުރު ކުރިއެރުންތަކެއް ލިބުނު އަހަރެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ސީޕްލޭން އޮޕަރޭޓް ކުރަން ފެށިތާ މިއަހަރު 30 ފުރޭނެ ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.

"މީގެ 30 އަހަރު ކުރިން 1993 ވަނަ އަހަރު ރާއްޖެއަށް ސީޕްލޭންގެ ޚިދުމަތް ތައާރަފްކުރުމާއެކު ޓީއެމްއޭއިން ވަނީ އެއްތަނުން އަނެއް ތަނަށް މީހުން ދަތުރުކުރުމަށް މަގުފަހިކޮށްދީ، ޓޫރިޒަމް ސިނާއަތް މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ފުޅާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދީފައި. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލަކަށް ރާއްޖެ ހެދުމަށް ވެސް އެ ކުންފުނިން މުހިންމު ދައުރެއް އަދާކޮށްފައި،" އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގައި ޓީއެމްއޭގެ ދައުރު ވަރަށް ބޮޑެވެ.

ޓީއެމްއޭ މީގެ 30 އަހަރު ކުރިން އުފެދުނީ އެންމެ ދެ މަތިންދާބޯޓާއި ހަތަރު ފަސިންޖަރުންނާއެކު އެވެ. ނަމަވެސް މިހާރު ޓީއެމްއޭ އިން 14 އަތޮޅެއްގެ 80 އަށްވުރެ ގިނަ ރިސޯޓަށް އަހަރަކު މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިދެ އެވެ.

ޓީއެމްއޭ އިން އަލަށް ގެނައި ބޯޓު ވީއައިއޭގައި ޕާކުކޮށްފައި. ފޮޓޯ: ޓީއެމްއޭ

"ޓީއެމްއޭއިން މި މުހިންމު ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ދަތުރުފަތުރަށް އިސްކަންދީގެން ކުންފުނީގެ ފްލީޓް ފުޅާކޮށް، ޚިދުމަތުގެ މިންގަނޑުތައް އިތުރަށް ވަރުގަދަކުރާނެ. ޓީއެމްއޭއަކީ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިތިބުމަށް އެކަށީގެންވާ ފެންވަރުގެ ކުންފުންޏަކަށް ހަދާނަން. އޭގެ އިތުރުން ޓޫރިޒަމް ސިނާއަތުގެ އިތުބާރު ލިބިފައިވާ ބައެއްގެ ގޮތުގައި ދެމިތިބޭނަން،" އެ ކުންފުނިން ބުންޏެވެ.