އުރީދޫގެ ބޮކި ބޯޅަ މުބާރާތް ފަށައިފި އެވެ.

މި ފޯރިގަދަ މުބާރާތް ފައްޓަވައިދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.

އުރީދޫ ބޮކި ބޯޅަ - ބަމްޕަ ބޯލް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ މޮޅު ބައެއް ކޯޕަރޭޓް ޓީމުތައް ވާދަކުރާއިރު، އެއް ވަނައަށް ދާ ޓީމަށް ލިބެނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި މުބާރާތް ފެށުނީ ކްރޮސްރޯޑްސް މޯލްޑިވްސް އިން ޓެކްކާސްއާ ދެކޮޅަށް ކުޅުނު މެޗުން ބަމްޕާ ބޯލްސްގައި އެ ޓީމުތަކުގެ ހުނަރު ދައްކައި 2-0 ކްރޮސްރޯޑްސް މޯލްޑިވްސް އިން މެޗް ކާމިޔާބުކޮށްގެންނެވެ. މިއަދުގެ ދެވަނަ މެޗުގައި ބްރޮލާޒް (ރޭޖް ފިޓްނަސް) އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އީއާރުސީ ބައްދަލުކުރި އެވެ. ބްރޯލާޒް (ރޭޖް ފިޓްނަސް) ވަނީ ފެށުނީއްސުރެ ނިމެންދެން މެޗުގައި މޮޅު ކުޅުމެއް ދައްކާ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ. މިއަދުގެ ފަހު މެޗުގައި ޝަވިޔަނި ޓީމާއި ޓެކާސް ބައްދަލުކުރި ވާދަވެރި މެޗު ނިމުނީ 1-0 ޓެކާސ މޮޅުވެގެންނެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސީއީއޯ ހާލިދު އަލް ހަމާދީ ބައިވެރިންނާ ސަލާންކުރައްވަނީ. ފޮޓޯ: އުރީދޫ

މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ. މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއް ވެސް ވަނީ އިންތިޒާމުކުރެވިފަ އެވެ. އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އުރީދޫ

މާދަމާ ރޭގަނޑު 9 އެއް ޖަހާއިރު ގްރޫޕް ސްޓޭޖުގެ ބާކީ ހުރި މެޗުތަކަށް ފަހު ފައިނަލް މެޗުގައި ބައްދަލުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ހޯދާ ޓީމުތަކެވެ. އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަރ ފުޓްބޯޅަ އެވެ.