މި ރޯދަމަހު ސައުދިއާ އިން ހާއްސަ ޗާޓަރު ދެ ފްލައިޓެއްގައި ރާއްޖެއިން 900 މީހުން އުމްރާއަށް ގެންގޮސްދީފި އެވެ.

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރާއިރު، އެކި ގްރޫޕްތަކުގެ ހަވާލުގައި މި ރޯދަމަހު އުމްރާއަށް ދާ ވަރަށް ގިނަ ބަޔަކު ސައުދިއާއިން ގެންގޮސްދީފައިވެ އެވެ.

ސައުދިއާ އިން ބުނީ ރާއްޖެއަށް ހާއްސަ ޗާޓަރު ދެ ދަތުރެއް ކުރީ އުމްރާއަށް ދާން ތިބި މީހުންގެ ޑިމާންޑަށް ކޭޓާކުރުމުގެ ގޮތުން ކަމަށެވެ. އެ އެއާލައިނުން ވަނީ އުމްރާ ގްރޫޕްތަކުން ސައުދިއާގެ ޚިޔާރުކުރީތީ ޝުކުރު އަދާކޮށްފަ އެވެ.

މިރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު އުފުލަން ރާއްޖެ އައި ސައުދިއާގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: ސައުދިއާ

މިއަހަރު ހައްޖު ކޯޕަރޭޝަނާއެކު 14 ވަރަކަށް ގުރޫޕުން 2،000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އުމުރާގެ އަޅުކަން އަދާކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް 1،200 އަށް ވުރެ ގިނަ މީހުން ފުރި އެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭގައި އިތުރު 988 މީހުން ރާއްޖެއިން އުމުރާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

ރާއްޖެއިން މިރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ސައުދިއާގެ ބޯޓަކަށް އަރަނީ. ފޮޓޯ: ސައުދިއާ

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައި ވަނީ 43 ޖަމާއަތަކަށެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގައި ގިނަ ބަޔަކު އެންމެ ގިނައިން އުމްރާއަށް ދަނީ މިއަހަރު އެވެ.