އުރީދޫ މޯލްޑިވްސްގެ "ބޮކި ބޯޅަ" (ބަމްޕާ ބޯލް ފުޓުބޯޅަ) މުބާރާތުގެ ޗެމްޕިއަންކަން "ށަވިޔަނި" ޓީމުން ހޯދައިފި އެވެ.

ރޯދަމަހާ ދިމާކޮށް އުރީދޫން އިންތިޒާމުކުރި ބޮކި ބޯޅަ މުބާރާތް އޮތީ މިދިޔަ ހަފްތާ ބަންދުގަ އެވެ. އެގޮތުން، މި މުބާރާތުގެ ފައިނަލް މެޗު ރޭ ވަނީ ކުޅެފަ އެވެ. ފައިނަލް މެޗުގައި ބައްދަލުކުރީ "ށަވިޔަނި" އަދި "ބްރޯލަޒް-ރޭޖް ފިޓްނަސް" އެވެ.

މުބާރާތް ނިންމުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނަ ހޯދި ޓީމުތަކަށް މެޑަލް އާއި ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ރަމްޒީ ލިޔުން ހަވާލު ކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަބްދުﷲ މޫސާ އާއި އިބްރާހިމް ފަޔާޒް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ. މި މަހުގެ 7 ވަނަ ދުވަހު ފެށި މި މުބާރާތުގައި ބައިވެރިވި ޓީމުތަކުން ވާދަވެރި އަދި މަޖާ މެޗުތަކަކަށް ފަހު، ގަދަ ތިން ޓީމު ވަނީ ޖުމްލަ 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ހޯދާފަ އެވެ.

ފައިނަލް މެޗުގައި ޝަވިޔަނީ އާއި ބްރޯލަރޒް - ރޭޖް ފިޓްނަސް ބައްދަލުކުރި މެޗުން ޓީމް ޝަވިޔަނީ ޗެމްޕިއަންކަން ހޯދީ ޓީމް ބްރޯލާޒް އަތުން 1-0 އިން މޮޅުވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަމުގެ ގޮތުގައި ޝަވިޔަނީއަށް 20،000 ރުފިޔާ، ރަނަރަޕް ޓީމް - ބްރޯލާޒްއަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު ޓީމު - ކްރޮސްރޯޑްސް މޯލްޑިވްސް އަށް 5،000 ރުފިޔާ ދީފައިވެ އެވެ.

އުރީދޫ އިން ބޭއްވި ބޮކި ބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅެނީ.

ސީއީއޯ ޚާލިދު ވިދާޅުވީ އުރީދޫ ބޮކި ބޯޅަ މުބާރާތް ކާމިޔާބު ކަމާއެކު ބާއްވާ ޓީމްތަކުން ވާދަވެރި ކުޅުމެއް ދައްކާ މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހި ކޮށްދެވުމަކީ އެ ކުންފުންޏަސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ފައިނަލުގައި މޮޅު ކުޅުމެއް ދައްކާ އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ޝަވިޔަނި ޓީމުން ހޯދި ކަމަށާއި، އެހެންކަމުން ޝަވިޔަނި ޓީމުގެ ހުރިހާ މެމްބަރުންނަށްވެސް ވަރަށް ހޫނު މަރުހަބާ އެއް އޭނާ ދެންނެވި އެވެ. އޭގެ އިތުރުން ރަނަރަޕް ޓީމް ބްރޯލާޒް - ރޭޖް ފިޓްނަސް ގެ އިތުރުން ތިންވަނަ ހޯދި ކްރޮސްރޯޑްސް މޯލްޑިވްސް އިން މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ވެސް މަރުހަބާއެއް ވެސް ދެންނެވި އެވެ.

އުރީދޫ އިން ބޭއްވި ބޮކި ބޯޅަ މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ހާލިދު އަލް ހަމާދީ ވާހަކަދައްކަވަނީ.

"އާއެކު މުބާރާތް އިންތިޒާމު ކުރުމުގައި މާޒިޔާ ސްޕޯޓްސް ކްލަބުން ދިން އެއްބާރުލުން ފާހަގަކޮށް މާޒިޔާގެ މެނޭޖްމެންޓް އާއި ޓީމަށް ވަރަށް ޙާއްސަ ޝުކުރެއް އަދާ ކުރަން. އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމައަށް އަދި އިތުރު މަޖަލާއި އުފާވެރިކަމާ އެކު އުރީދޫ ބޮކި ބޯޅަ ފެނިގެންދާނެ،" ސީއީއޯ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއަކީ ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ހުނަރުވެރިން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުން ކުރިއަށް އޮތްތަނުގައިވެސް އުރީދޫ ބޮކި ބޯޅަ މުބާރާތް ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ތައާރަފްކުރަމުން ގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.