ހދ. ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ރިކުއެސްޓާއެކު ރަޖިސްޓާވުމުގެ ފުރުސަތު މިމަހު 22 އާ ހަމައަށް އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

މި ރަންގައި ބައިވެރިވުމަށް ރަޖިސްޓާ ކުރެވޭނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ http://ore.do/funrunkit މެދުވެރިކޮށެވެ.

އުރީދޫން ބުނިގޮތުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އަދި އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫން ބުނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ދުވުމަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓް އަދި ފަން ކިޓް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާ އެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި 5 ގައި ކުޅުދުއްފުށީގަ އެވެ. ތަ

ޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަންގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު ދެ އެވެ.