ކުނި ބިލު އަންނަ މަހުން ފެށިގެން ހިނގާނީ، ސްޓެލްކޯގެ ރީޑިން މުއްދަތާ އެއްގޮތަށް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ކުނި ބިލު ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މިދިޔަ މާޗް މަހުން ފެށިގެން ކުނި ބިލު ކަރަންޓު ބިލުގައި ހިމެނުމަށް ވަނީ ނިންމާފައެވެ. އަދި އަންނަ މަހުން ފެށިގެން އެއަށް ޢަމަލުކުރަން ފަށަން ވަނީ ނިންމާފަ އެވެ.

ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ކުނި ބިލު ކަރަންޓު ބިލުގައި ނުހިމަނަން ވަނީ ނިންމާފަ އެވެ. އެގޮތުން 34 ޔުނިޓު ކަރަންޓު ބިލަށް ނާރާ ނަމަ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައި ބެލުމަށް ވަނީ ނިންމާފަ އެވެ.

ސްޓެލްކޯގެ އެސިސްޓެންޓް މެނޭޖަރު ޙަސަން ފަރްހާން ވިދާޅުވީ ބައެއް ގޭބިސީތަކަށް 31 ދުވަހަށް ބިލު ދާނެ ކަމަށެވެ. އަދި ކުނި ބިލާ ކަރަންޓު ބިލު އެއްކޮށް ދާއިރު ކުނި ބިލު އަންނާނީ 4.95 ރުފިޔާގެ ރޭޓުގައި ކަމަށެވެ.

ކަރަންޓު ބިލް ކުރާ މުއްދަތަކީ 28 ދުވަސް ކަމުގައިވާނަމަ އެ މުއްދަތަށް ވެމްކޯ ބިލު ވެސް ދައްކަން ޖެހެ އެވެ. އެއީ އެ މުއްދަތަށް ބިލު ކުރާ ނަމަ ކުނީގެ ފީއަށް 150 ރުފިޔާ އެވެ.

ވެމްކޯއިން ބުނީ ބިލް ކުރާ މުއްދަތު 31 ދުވަސް ހިމެނޭ މަހެއްނަމަ ކުނީގެ ޚިދުމަތަށް ބިލުގައި 150 ރުފިޔާގެ އިތުރުން، ބިލް ކުރެވިފައިވާ މުއްދަތުގެ ޗާޖު، އިތުރުވާނެ ކަމަށެވެ.

މާލެއިން ކުނިއުކާލުމުގެ މަސައްކަތް ވެމްކޯގެ މުވައްޒަފުންތަކެއް ކުރަނީ. ފޮޓޯ: ވެމްކޯ

ވެމްކޯއިން ބުނީ ދެމީޓަރު ހުންނަ ގޭބިސީތަކަށް ބިލްކުރާ ގޮތް ތަފާތުވާނެ ކަމަށެވެ. އެގޮތުން ދެމީޓަރު ހުންނަ ގޭބިސީތަކުން އެކަން ވެމްކޯއަށް އެންގުމުން، ކުނި ނެގުމުގެ ބިލުގައި ހިމަނާނީ އެގޭގައި ހުރި ދެމީޓަރުގެ ތެރެއިން ކޮންމެވެސް އެއް މީޓަރަކަށް ކަމަށެވެ.

ވެމްކޯއިން ބުނީ ގޭބިސީތަކަށް ކަރަންޓު ބިލާ އެއްކޮށް ވެމްކޯ ބިލު ދިޔަ ނަމަވެސް ކޮމާޝަލް ތަންތަނުގައި އަދި އެގޮތަށް ބިލު ނުދާނެ ކަމަށެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނީ މާލެ ސަރަހައްދުގައި 53،000 އަށްވުރެ ގިނަ ގޭބިސީން ކުނި ނެގި ނަމަވެސް ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީންނެވެ. މި ބަދަލާއެކު އެކަން ހައްލުވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ.