އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ފުރުސަތު ދޭން އުރީދޫން ނިންމައިފި އެވެ.

އުރީދޫގެ 18 ވަނަ އަހަރީއާ ދިމާކޮށް މި އަހަރުގެ މަސްރޭސް ބާއްވަނީ އެހެން އަހަރުތަކަށް ވުރެ ކުލަގަަދަކޮށް، ފޯރި ގަދަކޮށެވެ.މާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށީގައި މި އަހަރުގެ މަސްރޭސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ މަސްރޭހުގައި ކޮންމެ ސިޓީއަކުން ވެސް މަދުވެގެން 12 ޓީމަށް ބައިވެރިވެވޭނެ އެވެ. މަސްރޭހުގައި ބައިވެރިވުމަށް ރެޖިސްޓްރީވާން ޖެހޭނީ އެ ކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ. ކޮންމެ ޓީމެއްގައި ވެސް ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މެންބަރުން ތިބެން ޖެހެ އެވެ. ބައިވެރިވާ ޓީމުތަކަށް ޓީމު ކިޓު މޫލީ މެދުވެރިކޮށް ގަނެވޭނެ އެވެ. ކިޓެއްގެ އަގަކީ 150ރ. ކިޓުގައި ހިމެނޭނީ ޓީޝާޓާއި މަސްރޭސް ކޯރީ އެވެ.

މަސްރޭހުގައި ވާދަކުރެވޭނީ ގިނަވެގެން 30 ޓީމަށެވެ. 30 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ، ބައިވެރިވާ ޓީމުތައް ހޮވުމަށް ގުރުއަތެއް ނަގާނެ އެވެ. ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. މުބާރާތުގެ ވަނަތަކަށް ޖުމްލަ 75،000ރ.ގެ އިނާމު ވަނީ ކަނޑައަޅައިފަ އެވެ.

އެއް ވަނަ ޓީމަށް 25،000ރ. ދެ ވަނަ ޓީމަށް 10،000ރ. ތިން ވަނަ ޓީމަށް 5،000ރ. އެންމެ މޮޅު ފިރިހެން މަސްވެރިޔާ އަދި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް 1،000ރ. އެވެ.