ގއ. އަތޮޅުގައި ހިންގާ އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް ތައިލެންޑްގެ މައިނާ ހޮޓެލްސްއަށް ވިއްކާލައިފި އެވެ. ތައިލެންޑްގެ މައިނާ ހޮޓެލްސްއިން މިހާރު ވެސް ރާއްޖޭގައި ހަ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.

ހޮޓާ އަދި ރިސޯޓުތައް ވިއްކުމުގައި ހަރަކާތްތެރިވާ ދުނިޔޭގެ ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ޖޭއެލްއެލްއިން މެދުވެރިއަކަށް ވެގެން ހިންގި މި މުއާމަލާތަށް ފައިސާ ފޯރުކޮށްދިނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)ންނެވެ. މިއީ މި އަހަރު ރާއްޖޭގައި ހިންގި މިފަދަ ފުރަތަމަ މުއާމަލާތް ކަމަށް ވިޔަސް، މި މުއާމަލާތުގެ އަގެއް ހާމައެއް ނުކުރެ އެވެ.

ހަވޮއްޑާ އަލުން ހުޅުވާނީ މައިނާ ހޮޓެލްސްގެ "އެންއެޗް ހޮޓެލްސް" ބްރޭންޑުގެ ދަށުންނެވެ. އެއާ އެކު، ހަވޮއްޑާ ވެގެން ދާނީ އެންއެޗް ބްރޭންޑުގެ ދަށުން މި ސަރަހައްދުގައި ހުޅުވާ ފުރަތަމަ ރިސޯޓަށެވެ.

ހަވޮއްޑާއަކީ 2016 ވަނަ އަހަރު ހުޅުވި ރިސޯޓެކެވެ. މި ރިސޯޓުގައި ވޯޓާ ވިލާ އާއި ބީޗް ވިލާ ހިމަނައިގެން 120 ކޮޓަރި ހުރެ އެވެ.

ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕްގެ އެއް ބްރޭންޑް "އަމާރީ"ގެ ދަށުން މިވަގުތު ހަވޮއްޑާ ހިންގި ނަމަވެސް އެރަށް އެންމެ ފުރަތަމަ ކުއްޔަށް ނެގީ ލަންކާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނީގެ ތެރޭގައި ހިމެނޭ ސަންކެން އޯވަސީސްގެ ބޮޑު ހިއްސާއެއް އޮތް ކްރިސްޓަލް ޕްލާޒާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ.