ޗައިނާގެ ސިޗުއާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެމްއޭސީއެލްއިން ބުނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޗައިނާގެ ސިޗުއާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަމަށެވެ. މި އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެ އެވެ.

ސިޗުއާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު ޗައިނާއިން ރާއްޖެއަށް ދަތުރުތައް ބާއްވާ އެއާލައިންތަކުގެ އަދަދު 3 އަކަށް އިތުރުވެގެންދާނެ އެވެ

ޗައިނާއިން މިހާރު ރާއްޖެއަށް ދަތުރުކުރަނީ ޗައިނާ ބެއިޖިން ކެޕިޓަލް އެއާލައިނާއި އަދި ޗައިނާ އީސްޓަން އެއާލައިނުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާ މިވަގުތު ހިމެނެނީ ރާއްޖެއަށް ހަތަރު ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގަ އެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 77،202 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ކޮވިޑް 19 ގެ ކުރިން ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.