ފުވައްމުލަކުގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް ކާމިޔާބުކޮށް މި އަހަރުގެ އުރީދޫ މަސް ރޭސް ނިންމާލައިފި އެވެ.

ފުވައްމުލައް ބަނދަރުގައި ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒުގެ އިތުރުން އެ ސިޓީގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފުވައްމުލަކުގައި ކުރިއަށްދިޔަ އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް އިން ހޯދީ ޖުމްލަ 1326.45 ޕޮއިންޓާ އެކު، ފައިސާގެ އިނާމެއްގެ ގޮތުގައި 25،000 ރުފިޔާ ހޯދައިގެންނެވެ. ފޯރިގަދަކަމާއެކު ކުރިއަށް ދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދާފައި ވަނީ ޖުމްލަ 335 ޕޮއިންޓާއެކު ޓީމް ނަގާއި ހާލީ އިންނެވެ. އަދި މުބާރާތުގެ 3 ވަނަ ހޯދާފައި ވަނި ޖުމްލަ 175.8 ޕޮއިންޓާއެކު މޭރެ ބޮލް ޓީމުންނެވެ.

ފުވައްމުލަކުގައި ބޭއްވި މަސްރޭހުން އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައި ވަނީ ބަރުމިނުގައި 8.05 ކިލޯގެ ރޫބީއެކެވެ.

އުރީދޫ މަސްރޭސް ފުވައްމުލަކުގެ ޗެމްޕިއަންކަން ހޯދި ޓީމް ރީފް ރައިޑާސް. ފޮޓޯ: އޫރިދޫ

އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައި ވަނީ ޗެމްޕއިންކަން ހޯދި ރީފް ރައިޑާސް ޓީމުން އަބްދުﷲ އިބްރާހިމް އެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަރު ސީގިއާގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފަ އެވެ.

އެންމެ ބަރު މަހުގެ އިތުރުން އަބްދުﷲ އިބްރާހިމް ވަނީ ޖުމްލަ 17 މަސް ބާނާ ފުވައްމުލައް ސިޓީގައި ބޭއްވުނު އުރީދޫ މާސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ވެސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައި ވަނީ މޭރެ ބޮލް ޓީމުން ސަފާ އަދްނާނު އެވެ.

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސްގެ ޕާޓްނަރުންގެ ފަރާތުން ފުވައްމުލަކުގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެ އެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފަ އެވެ.