އުރީދޫން ހުޅުމާލޭގައި ބިނާކުރި ޒަމާނީ އާ އޮފީސް އިމާރާތް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

އުރީދޫގެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ރާއްޖެއެއް ގާއިމްކުރުން ކަމަށެވެ.

އާ އޮފީސް ހުޅުވުމުން ހިދުމަތްތައް ދިނުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. މިއީ އަޅުގަނޑުމެންގެ ކުންފުނިން ދޭ ޚިދުމަތަށް ލިބިގެން ދާނެ އިތުރު ފުރިހަމަކަމެއް." ހަމާދީ ވިދާޅުވި އެވެ.

އުރީދޫގެ އާ އޮފީސް ނައިބު ރައީސް ހުޅުއްވައިދެއްވަނީ

އެ އިމާރާތް އެޅީ ޗައިނާގެ ސީސީއީސީ ކުންފުންޏާ ހަވާލުކޮށްގެނެވެ. އެ އިމާރާތުގައި ބޭސްމެންޓު ހިމެނޭހެން 11 ބުރި ހުރެއެވެ.

އެ އިމާރާތުގައި ހިމެނޭ ކަންކަމުގެ ތެރޭގައި މުވައްޒަފުންނަށް ހާއްސަ ކުއައިޓް ރޫމަކާއި ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ހޭންގްއައުޓް އޭރިއާކެފޭގެ ޚިދުމަތްތަކާއި މުވައްޒަފުންނަށް ހާއްސަ ޖިމެއް ހިމެނެ އެވެ.

ފެން ހަރަދު ކުޑަ ކުރުމަށް އެ އިމާރާތުގައި ފެން ރައްކާ ކުރެވޭނެ ނިޒާމެއް ވެސް ގާއިމްކޮށްފައިވެ އެވެ. އަދި، އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް އޮޓޯމޭޓެޑް ފަޔާ ސިސްޓަމެއް ވެސް ވަނީ ހަރުކޮށްފަ އެވެ.