މިދިޔަ ނުވަ މަސް ދުވަހުތެރޭ ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅި ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފޯރުކޮށްދޭ އިތުރު އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓް ކުރުމަށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން މިދިޔަ ނުވަ މަސް ދުވަހު ތެރޭގައި ހުށަހެޅި ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅުނު އަދަދު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 33 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

"ކޮވިޑް-19 ގެ ސަބަބުން ހިދުމަތް ހޯދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު މި ދަތި އުނދަގޫ ދަނޑިވަޅުގައި ކަސްޓަމަރިންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރުމަށް ބީއެމްއެލް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި. މިގޮތުން، ކަސްޓަމަރުނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތައް އޮންލައިން ކޮށް އެދި ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައި،" އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑްގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ވަނީ ބާރުއަޅާފަ އެވެ. މި ގޮތުން އިންޓަނެޓް ބޭންކިންގެ އިތުރުން ހިދުމަތް ހޯދުމަށް ކަސްޓަމަރުން ބޭންކަށް އަންނަންޖެހޭ ގޮތަށް ހުރި ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި އިންޓަނެޓް ބޭންކިންއަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމާއި، ޑިޖިޓަލް ޕިންގެ ޚިދުމަތުގެ އިތުރުން ޓީޓީ އަށް އެދި ހުށަހެޅުމާއި، ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

"މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗް ތަކުން ކިއުބީއެޕް ނަންބަރުތަކަށް ޚިދުމަތް ދެމުންދާއިރު ސާވިސް ސެންޓަރުތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށް. ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވެ، މިހާރު ބޭންކުގެ 90 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރޭ،" އެ ބޭންކުން ބުންޏެވެ.