މަސް ދޯންޏަކުން އެއް ދުވަސް ތެރޭ ރެކޯޑް އަދަދަކަށް މަސް ކިރުވައި 1.5 މިލިއަން ރުފިޔާ ހޯދައިފި އެވެ.

އައްޑޫ ސިޓީ މަރަދޫ "ކޮންކޯޑް2" ނަމަކަށް ކިޔާ މި މަސް ދޯނިން އިއްޔެ ބާނާފައި ވަނީ 60 ޓަނު މަހެވެ. އެއީ ޖުމްލަ 9020 މަހެވެ.

މިފްކޯއިން އެ މަސް ގަނެފައި ވަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ. މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަސްވެރިންނާ ދާދިފަހުން ބައްދަލުކުރެއްވުމަށްފަހު އެވެ.

ދިވެހި މަސް ބޭރުކުރާ އެންމެ ބޮޑު ދެ މާކެޓު ކަމަށްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން މަހަށް ނަގަމުންދާ ޑިއުޓީ ކަނޑާލަން ނިންމައި އެ ގައުމުތަކުން އެކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރައީސް ސޯލިހު މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައިވެ އެވެ.

މަސް ކިލޯއެއް ގަންނަ އަގު ބޮޑުކުރުމަކީ މަސްވެރިންނަށް ބޮޑު އާމްދަނީއެއް ލިބި، މަސްވެރިންގެ އާއިލާތަކަށް ހިތުންވުން ގެނެސްދިން ކަމެކެވެ.