މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރި ފަހުން މިހާތަނަށް 74 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދެވަނަ ބުރުގައި މަސްވެރިންގެ ތާއީދު ހޯދުމުގެ ގޮތުން މިފްކޯއިން މަސް ގަންނަ އަގު މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އޭގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ ކިލޯއެއް 17 ރުފިޔާގެ މަގުންނެވެ.

މިފްކޯއިން ބުނިގޮތުގައި ސެޕްޓެމްބަރު މަހުގެ 16ގެ ފަހުން 1.5 ކިލޯއިން މަތީގެ އައިސް މަހާއި، ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާ އަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދަނީ 23 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިފްކޯއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 25 ރުފިޔާއަށް މަސްގަންނަން ފެށިފަހުން މިހާތަނަށް 3،238.89 މެޓްރިކް ޓަނުގެ މަސްވަނީ ކިރުވާފަ އެވެ. އަދި 74،809،640 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.

މިފްކޯއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ މެދާ ހަމައަށް އައިރު ޖުމުލަ 45،751 މެޓްރިކް ޓަނުގެ މަސްވަނީ ކިރުވާފަ އެވެ. އަދި 760،483،852 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.