މި އަހަރުގެ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަފްތާއެއްގެ މުއްދަތައް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަތް ގެންދާ ހަރަކާތްތައް މިއަދު ފަށައިފި އެވެ.

މިހަރަކާތްތައް ފަށާފައިވަނީ މާލޭ ނޯތު ހާބަރުގައި މިއަދު ބޭއްވި ހަފުލާއަކުންނެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރާގުޅޭ ޝިއާރެއްގެ ގޮތުގައި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ކަނޑައަޅާފައިވަނީ 'މާޕޯލް އެޓް 50 – އަވާ ކޮމިޓްމެންޓް ގޯސް އޮން' އެވެ.

މެރިޓައިމް ސޭފްޓީ ވީކްގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ ކަނޑު ދަތުރުފަތުރުގެ ނިޒާމަކީ ދުނިޔޭގެ އިގްތިސޯދުގެވެސް މައި ތަނބުކަމަށެވެ.

އޭނާ ވިދާޅުވީ މުދާ އިންޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމަށް އެންމެ އެދެވިގެން ވަނީވެސް ކަނޑު ދަތުރު ފަތުރުގެ ނިޒާމުކަމަށެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑިރެކްޓަރު، ކޯސްޑްގާޑް މުހައްމަދު ރިޒްމީ ވަލީދު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކުން ޚާއްސަކޮށް 99.9 ކަނޑުގެ ސަރަހައްދު އޮންނަ ގައުމަކުން ކަނޑު ދަތުރު ފަތުރު ކުރުމުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް އެކަންކަމަށް ސަމާލުވެ ތިބެ ދަތުރުކުރުމަކީ ވިސްނަންޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން ކަނޑުމަތީގައި ދިމާވެދާނެ ހާދިސާތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ތަފާތު އެކި ތަމްރީނުދީ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް ރައްކާތެރިވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވިދާޅުވީ ކަނޑުދަތުރު ފަތުރުކުރުމުގައި ބޭނުން ކުރާ ވަސީލަތްތަކާއި އުޅަނދު ފަހަރުތަކަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ކުރާ އެންމެ ފަހުގެ އާލާތްތައް ކަމަށެވެ. އެގޮތުން މިފަދަ އާލާތްތައް ބޭނުން ކުރާއިރު އެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ވިސްނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

މެރިޓައިމް ހަފްތާ ނިންމުގެ ގޮތުން މާލޭ ނޯތު ހާބަރު އަދި ހުޅުމާލެ ހާބަރު ސަރަޙައްދުގައި 14 އޮކްޓޫބަރުގައި ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމަކީ ކޯސްޓްގާޑާއި، އާބަންކޯ އާއި އަމާނާތަކަފުލްއާއި މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަންއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގުރާމެކެވެ.