ލަންޑަން (29 ޖެނުއަރީ) ދުނިޔޭގެ ޕައިލަޓުންގެ ތެރެއިން ދެބައިކުޅަ އެއްބައި ޕައިލެޓުން މިހާރު ވަޒީފާ އަދާނުކުރު ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު އޭވިއޭޝަން އަދި ޕައިލެޓުން ރެކްރޫޓްކުރާ އެޖެންސީ ގޫސް ރެކްރޫޓްމަންޓްސް އިން ހެދި މި ދިރާސާ ހެދުމަށް 2،600 ޕައިލެޓުން ބޭނުންކޮށްފައިވެ އެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި ޕައިލެޓުންގެ ތެރެއިން އެ މީހުން ޓްރެއިންވި ވަޒީފާގައި އުޅެނީ އެންމެ 43 ޕަސެންޓް މީހުންނެވެ. 30 ޕަސެންޓް މީހުން މިހާރު ވަޒީފާ އަދާނުކުރާ އިރު 17 ޕަސެންޓް ޕައިލެޓުންގެ އެގްރީމަންޓް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އަދި 10 ޕަސެންޓް މީހުން މިހާރު މަސައްކަތްކުރަނީ ޕައިލެޓުންގެ ރޯލްނޫން އެހެން ރޯލްތަކުގަ އެވެ.

ކޮވިޑް ރޯގާއާ ގުޅިގެން ގައުމުތަކުން ޓްރެވަލް ރެސްޓްރިކްޝަން ހަދައި ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންތަކަށް ދިއުމާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ.

ބޮޑުތި ފްލައިޓް އޮޕަރޭޓަރުންވަނީ ގެއްލުން ފޫބެއްދުމަށް ގިނަ ފްލައިޓްތައް ގްރައުންޑްކޮށް ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ނޫން ނަމަ މުސާރަ ކުޑަކޮށްފަ އެވެ.

ހޮންގްކޮންގުގެ ކެތޭ ފެސިފިކް އިން ވަނީ އެ މީހުންގެ މުވައްޒަފުންގެ މުސާރައިން 58 ޕަސެންޓް އުނިކޮށްފަ އެވެ. އަދި ތުރުކީ އަދި ސިންގަޕޯ އެއާލައިނުން ވަނީ މުވައްޒަފުންގެ މުސާރަ ވަގުތީ ގޮތުން ކުޑަކޮށްފަ އެވެ.

ގޫސް ރެކްރޫޓްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މާކް ޗާމަން ވިދާޅުވީ ޕައިލެޓުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ މީހުން އެ މީހުންގެ ވަޒީފާއާ މެދު މިހާރު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، އަދި މިކަމުގެ ސަބަބުން އެހެން ދާއިރާތަށް އިހްތިޔާރުކުރާ ޕައިލެޓުން ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މީގެ އިތުރުން އެމްޕްލޯޔަރު އެ މީހުންގެ އަގުވަޒަންނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދިރާސާގައި ވަޒީފާ ގެއްލިފައިވާ މީހުންގެ ތެރެއިން 84 ޕަސެންޓް ޕައިލެޓުން އެ މީހުންގެ ވަޒީފާ ގެއްލިފައިވަނީ ޕެންޑެމިކާ ގުޅިގެން ކަމަށް ހާމަކޮށްފައިވެ އެވެ.

ކޮވިޑް ހާލާތު އައުމުގެ ކުރިން މި ދާއިރާއަކީ އެންމެ ބޮޑަށް ހުނަރުވެރި ޕައިލެޓުންގެ ޝޯޓޭޖް ކުރިމަތިވެ ދާއިރާ އެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ކުރިއަރަމުން އައި ނިސްބަތަށް ބަލައި އެވަރަށް ސްކިލްޑް ޕައިލެޓުން ވަނީ ނުލިބިފަ އެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލައި މިދާއިރާގައި މަސައްކަތް ކުރާ މަދު ޕައިލެޓުން ބުނީ މިއީ އެންމެ ސްޓްރެސް ބޮޑު އަދި ރިސްކް މިންވަރު އެންމެ ބޮޑަށް އެކުލެވޭ ދާއިރާ ކަމަށެވެ.