މަޑުޖެހިފައިވާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމުމަށްޓަކައި ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދެއްވާފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

އިންތިހާބީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމަށާއި ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް އެންމެ މުހިއްމު ކަމަކީ އެއާޕޯޓް މަޝްރޫއު އަވަހަށް ނިންމުންކަން ރައީސް މުއިއްޒު މީގެކުރިންވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި އެއާޕޯޓް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ޑިޒައިންތަކަށް ގެނައި ބަދަލުތަކާ ގުޅިގެން އެ މަޝްރޫއަށް ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.

އިންތިގާލީ ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވާހަކަ ދައްކަވަނީ ----

ނަމަވެސް ރައީސް މުއިއްޒު ޔޫއޭއީއަށް ކުރެއްވި ޒިޔާރަތުގައި ލިބިވަޑައިގެން ފުރުސަތުގެ ތެރެއިން، އަބޫދާބީ ފަންޑުގެ އިސްބޭފުޅުންނާއި ޔޫއޭއީ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކުގައި އެއާޕޯޓް ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 79.80 މިލިޔަން ޑޮލަރު، 1.2 ބިލިޔަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ފުރުޒުލް ވިދާޅުވި އެވެ.

"މި ފައިސާ ހަމަޖެހިގެން ދިޔުމާ އެކު އެއާޕޯޓު މަޝްރޫއު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ. މި ހަމަޖެހިގެން ދިޔަ ފައިސާ އާއެކު އެއާޕޯޓު މަޝްރޫއު ބާރަށް ކުރިއަށް ގެންގޮސް ކަނޑައަޅާފައިވާ އަމާޒަށް މަޝްރޫއު ނިންމާލެވޭނެ ކަމުގެ އިތުބާރާއި ޔަގީންކަން ލިބިއްޖެ," ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް މިއަދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިޔަށް މި ހިނގާ ދުވަސްތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަން އެއާޕޯޓްގެ މަސައްކަތް ކުރިޔަށް ދާގޮތް ބައްލަވާލެއްވުމަށް ވެސް ވަނީ ނިންމަވައިފަ އެވެ. ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މަނިކުފާނު މަސައްކަތުގެ ސައިޓަށް ވަޑައިގެން އަމަލީ ގޮތުން އެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލާއްވާނެ އެވެ.

މީގެ ކުރިން އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ހުރިހާ ސިނާއަތަކަށް ވެސް އެންމެ މުހިއްމު އެއްކަމަކީ މަޑުޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުން ކަމަށެވެ. ނަމަވެސް އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށްގެންދާ ކޮމިޓީތަކުން އެއްކުރެވިފައިވާ މައުލޫމާތުތަކުން ދައްކާގޮތުން މި މަސައްކަތް މިހާރު ކުރިއަށްދާ ޝެޑިއުލްގެ ދަށުން ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ 2025 އަހަރުގެ ޖުލައި މަހު ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް އަވަސްކުރަން ޖެހޭ ކަމަށާއި އެމަނިކުފާނު އަމާޒަކީ އަންނަ ސެޕްޓެމްބަރަށް އެއާޕޯޓްގެ މަސައްކަތް ނިންމާލުން ކަމަށެވެ.

"އަޅުގަނޑު ވާނީ ނިންމާފައި ހުވާކުރެއްވުމަށް ފަހު ސީދާ ރައީސް އޮފީހުގައި އަޅުގަނޑު ޗެއާކުރާ ގޮތަށް ކޮންމެ ދުވަހަކު ވެސް މި މަޝްރޫއުގެ އަޕްޑޭޓްތައް ބަލާ މަސައްކަތް އަވަސްކުރުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު މަސައްކަތްކުރަން. އަދި އަޅުގަނޑު އެބަ ވިސްނަން ކުރިއަށް އޮތް ދެ ހަފްތާތެރޭގައި އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ސައިޓަށް ދާން ވެސް." ޑރ. މުއިއްޒު ވިދާޅުވި އެވެ.

ވީއައިއޭ މަޝްރޫއަކީ އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓްގައި ހަދާ އެންމެ މުހިންމު އިމާރާތް ކަމަށްވާ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ.