ދިރާގާއި އުރީދޫއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން ނެރުނު ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި 621.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި މޮބައިލް ފޯނުގެ ހިދުމަތުން އާމްދަނީގެ ގޮތުން 366 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ފިކްސްޑް ބްރޯޑްބޭންޑާއި އެންޓަޕްރައިސް އިން 241.6 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.

ދިރާގުން މިދިޔަ ކުއާޓަރުގައި ހިންގުމުގެ ޚަރަދުގެ ގޮތުގައި 294.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ބަލަށް 97.9 މިލިއަން ރުފިޔާ ކަނޑާފައިވެ އެވެ. އަދި ޓެކްސްގެ ގޮތުގައި 33.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

މާލޭގައި ހުންނަ ދިރާގުގެ ހެޑް އޮފީސް ބިލްޑިން.

މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބުނީ 188.3 މިލިއަން ރުފިޔާ އެވެ.

ބަހުރެއިންގެ ބަޓެލްކޯގެ މެޖޯރިޓީ ހިއްސާ އޮންނަ އެ ކުންފުންޏަށް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވެސް 158.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދިރާގުން ބުނީ މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެއީ ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރު އިގްތިސާދު ވެސް އަލުން ރަނގަޅުވާން ފެށުމުން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެއީ 2019 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 18 ޕަސެންޓް ދަށް އަދަދެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާއަކީ 2019 ވަނަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ 35 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.

އުރީދޫއަށް ވެސް ބޮޑު ފައިދާއެއް

ގަތަރުގެ ކިއުޓެލްގެ މެޖޯރިޓީ ހިއްސާ އޮންނަ އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 158.6 މިލިއަން ރުފިޔާ ލިބުނުއިރު ޖުމްލަ އާމްދަނީގެ ގޮތުގައި 402.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުންޏަށް މޮބައިލް ފޯނުގެ ހިދުމަތުން 304.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ފިކްސްޑް ބްރޯޑްބޭންޑާއި ވިޔަފާރި ކުންފުނިތަކަށް ހިދުމަތްދީގެން 91.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 222.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ބަލަށް 71.3 މިލިއަން ރުފިޔާ ކަނޑާފައިވެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ބޭއްވި އުރީދޫގެ 2019އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުންތަކެއް ބައިވެރިވަނީ. ފޮޓޯ: އުރީދޫ

އުރީދޫން ޓެކްސްގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރަށް ވުރެ 45 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އުރީދޫން ބުނީ 2019 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީއަށް ވުރެ މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 26 ޕަސެންޓް ދަށްވެފައި ކަމަށެވެ. އަދި ތިންވަނަ ކުއާޓަރަށް ވުރެ 9.5 ޕަސެންޓް ދަށްވި ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ދިމާވެފައިވާ ހީނަރުކަމާ ގުޅިގެން، އެ ކުންފުންޏަށް ރޯމިން ހިދުމަތުން ލިބޭ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އޭގެ ކުރީ ކުއާޓަރަށް ވުރެ 26 ޕަސެންޓް އިތުރުވި ކަމަށް ބުނެފައިވެ އެވެ.