އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށްވާންޖެހެ އެވެ.

ކުންފުނީގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އާންމުކޮށްފައިވާ "ކޯޕަރަޓް ގަވަރނަންސް ކޯޑް ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް ހަމަވާ ފަރާތެއް ކަމުގައި ވެސް ވާންޖެހެ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ވާންޖެހޭ ކަމަށް އުރީދޫން ބުންޏެވެ.

އެ މަގާމުގެ އިތުރު ޝަރުތުތައް:

ބައިނަލްއަގްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.

ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރގައި، އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

މަދުވެގެން އެއް އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮތުން.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، ދެ ލިސްޓެޑް ކުންފުންޏަށްވުރެ ގިނަ ކުންފުނީގައި ބޯޑު ޑިރެކްޓަރުގެ މަގާމު މިވަގުތު އަދާކުރަމުންދާ ފަރާތަކަށް ނުވުން.

އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން. ނަމަވެސް މި ފަދަ މަގާމެއްގައި ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއަކާއެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން ބާރަ މަސް ދުވަސްވުން.

އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ނުވުން.

އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ މުވައްޒަފެއްގެ ގޮތުގައި ފާއިތުވީ ބާރަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.

އާއިލާ (ކައިވެނިކޮށްގެން އުޅޭ ފަރާތް އަދި ދަރިން) ގައި ހިމެނޭ އެއްވެސް ފަރާތެއް އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއްގެ ވަޒީފާ މިވަގުތު އަދާކުރަމުން ނުދިއުން.

އެއްވެސް ކަހަލަ ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް ނެތުން. އަދި ކަންކަމުގައި އިންޑިޕެންޑެންޓް އަދި އިމްޕާޝަލް ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރި ފަރާތަކަށްވުން.

އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީގެ ނަޒަރުގައި، ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތަކަށް ވުން. މީގެ ތެރޭގައި ތިރީގައިވާ ބަޔާންކުރެވިފައިވާ ކަންކަން ހިމެނޭނެ.

ހ) ފަންނީ ގޮތުންނާއި އަމިއްލަ ހައިޞިއްޔަތުން ކުރާ މުޢާމަލާތްތައް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ކުރާ ފަރާތަކަށްވުން.

ށ) އެކަށީގެންވާ ނިންމުންތައް ނިންމުމުގެ ހިކުމަތްތެރިކަމާއި ގާބިލުކަން ހުރުން.

ނ) މާލީ ރިޕޯޓުތަކާއި އެހެނިހެން ރިޕޯޓުތައް ކިޔައި ދޭހަވުމުގެ ގާބިލުކަން ހުރުން.

ރ) ކުންފުނި ހިންގުމާއި ބެލެހެއްޓުމުގައި އެކަށީގެންވާ ގޮތެއްގައި އެހީތެރިވެދެވޭނެ ފަރާތަކަށްވުން. މިގޮތުން ވިޔަފާރީގެ ދާއިރާގައި ހޯދާފައިވާ ތަޖުރިބާއާއި ހާސިލުކޮށްފައިވާ ނަތީޖާ/ކުރިއެރުންތަކުގެ ރިކޯޑު ފެންނަން އޮތުން.

ބ) އެހެނިހެން ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ޒިންމާދާރުކަމާއި ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ހުރުން.

ޅ) ކުންފުނީގެ ހިންގުމުގެ ސްޓެންޑަރޑް މަތީ ފެންވަރެއްގައި ހިފަހައްޓައި ހާސިލުކުރުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާ މުޢާމަލާތްކޮށް މަޝްވަރާކުރުމުގެ ގާބިލުކަން ހުރުން.

ކ) ތަފާތު އެކި ދާއިރާތަކުގެ ހުނަރުވެރިކަމާއި ތަޖުރިބާގެ ރިކޯޑު ފެންނަން އޮތުމާއެކު ކުންފުނީގެ ކުރިމަގާމެދު ސްޓްރެޓީޖިކްކޮށް މުސްތަޤްބަލަށް ވިސްނުން ބެހެއްޓުމުގެ ގާބިލުކަން ހުރުން.

އުރީދޫ މޯލްޑިވްސްގެ ބޯޑުގައި ޖެންޓާ ޑައިވާ ސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ މި ކުންފުނިން މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެކެވެ.

ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ. އަދި 2024 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިޚާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރާނެ އެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ. އެހެންކަމުން، 2024 ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2026 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް އަށެވެ. އަދި ފޯމު އީމެލް ކުރައްވާނަމަ، [email protected] އަށް އީމެއިލްކުރުމަށް އެ ކުންފުނިން އެދެ އެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 29 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އެވެ.