މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބާރުބޮޑުވާނެތީ ރާއްޖެއިން ބޭރަށް ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ އެވެ.

ވެލާނާ އެއާޕޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިއަދަކީ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށްވާތީ ދިގު ކިއުތަކާއި ޑިލޭތައް ކުރިމަތިވެދާނެ ކަމަށެވެ.

މިއަދު އެއާޕޯޓް ބާރުބޮޑުވަނީ އާ އަހަރާ ދިމާކޮށް އެކި މަންޒިލްތަކަށް ފުރާ މީހުން ގިނަވެފައިވާތީ އެވެ. ވީއައިއޭ އިން ބުނީ މިދިޔަ އަންގާރަ ދުވަހަކީ އެ އެއާޕޯޓުގައި ސީޕްލޭންގެ އެންމެ ގިނަ އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރިކޯޑެއް ވެސް މުގުރާލި ދުވަހެއް ކަމަށެވެ. އެ ދުވަހު 649 ސީޕްލޭން މޫވްމަންޓް ރެކޯޑް ކުރެވިފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 635 ގައި ކަމަށް ވީއައިއޭ އިން ބުންޏެވެ.

ވީއައިއޭ ވަނީ ޕްރައިވެޓް ޖެޓްތަކުން ވެސް ފުރިފަ އެވެ. ކްރިސް މަސް އާއި އާ އަހަރާ ދިމާކޮށް ރާއްޖެއަށް ގިނަ ޖެޓްތަކެއް އަންނާނެތީ، އެކަމަށް ތައްޔާރުވުމަށް 68 ޖެޓް ޕާކުކުރެވޭނެ ޖާގަ ވަނީ ހަދާފަ އެވެ. ކުރިން އެ އެއާޕޯޓުގައި ޖެޓުތައް ޕާކުކުރަން ކަނޑައަޅާފައި ހުރީ 39 ޖާގަ އެވެ.