ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ "ދަންތުރަ" އިން ސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުހަބާ ކިޔައިފި އެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ވަޒަން ކުރުމުގެ ބޭނުމުގައި އައިއެމްއެފްގެ ވަފްދެއް މިދިޔަ މަހު ރާއްޖެ އައިސް، އަމިއްލަ ހޯދުންތަކުގެ މައްޗަށް ވަނީ ދިރާސާއެއް ހަދައިފަ އެވެ. އެ ހޯދުންތަކުގެ މައްޗަށް ނެރުނު ބަޔާނެއްގައި ބުނީ ދަރަނި ފައިނޭންސް ކުރުމަށް ސަރުކާރުން އަމިއްލަ އަށް އެކުލަވާލާފައިވާ ފިސްކަލް ރިފޯމް އެޖެންޑާ އަށް އައިއެމްއެފުން މަރުހަބާ ކިޔާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ވަނީ ކޮވިޑްގެ އާލަމީ ވަބާއަށް ފަހު ވަރުގަދަވެ ކުރިއަރަމުން އައިސްފައި ކަމަށާއި މި އަހަރަށް ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވެފައި އޮތުމުގެ ސަބަބުން ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭތީ މި އަހަރު ރާއްޖޭގެ އިގުތިސޯދު 5.2 އިންސައްތަ އަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް ރާއްޖޭގެ އިގުތިސާދު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމުން، އިގުތިސާދަށް ކުރިމަތިވެފައިވާ އުނދަގޫތަކުން އަރައިގަންނަން ހަރުދަނާ މާލީ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އެގޮތުން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ އަގު ކުޑަކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ދަރަނި މެނޭޖުކުރާނެ ހަރުދަނާ ސިޔާސަތުތަކެއް ވަރަށް އަވަހަށް ރާއްޖޭގެ ސަރުކާރުން އެކުލަވާލައި ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

އައިއެމްއެފުން ވަނީ ސަރުކާރުން ފައިސާ ޗާޕް ކުރަން ނިންމި ނިންމުމަށް ވެސް މަރުހަބާ ކިޔައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އަށް ބިލިއަނެއްހާ ރުފިޔާގެ ފައިސާ ވަނީ ޗާޕްކޮށްފަ އެވެ.