އިޓަލީން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ދެވަނަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ނިޔަލަށް އިޓަލީން ޖުމްލަ 23،749 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 236،730 ޓޫރިސްޓުންގެ ތެރެއިން 10 ޕަސަންޓެވެ.

މީގެ ކުރިން ދެވަނަ މަގާމުގައި އޮތީ ރަޝިއާ އެވެ. ނަމަވެސް އެ ގައުމު މިހާރު މިވަނީ ތިންވަނައަށް ދަށްވެފަ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 13.7 ޕަސަންޓް އިތުރުވެފަ އެވެ.

މިވަގުތު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމު

  1. ޗައިނާ - 28،304 ޓޫރިސްޓުން
  2. އިޓަލީ - 23،749 ޓޫރިސްޓުން
  3. ރަޝިއާ - 23،399 ޓޫރިސްޓުން
  4. އިނގިރޭސިވިލާތް - 19،897 ޓޫރިސްޓުން
  5. އިންޑިއާ - 17،794 ޓޫރިސްޓުން
  6. ޖަރުމަނު - 14،558 ޓޫރިސްޓުން
  7. ފްރާންސް - 8،302 ޓޫރިސްޓުން
  8. އެމެރިކާ - 7،997 ޓޫރިސްޓުން
  9. ޕޮލެންޑް - 6،629 ޓޫރިސްޓުން
  10. ސްވިޓްޒަލޭންޑް - 5،130 ޓޫރިސްޓުން

ރާއްޖެއަށް އެވަރެޖްކޮށް މިހާރު ދުވާލަކު 6،398 ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ.

ރާއްޖޭގައި ޓޫރިޒަމަށް މިވަގުތު 175 ރިސޯޓާއި 816 ގެސްޓްހައުސްގެ އިތުރުން 140 ސަފާރީ އުޅަނދު އަދި 15 ހޮޓާ އަންނަނީ ބޭނުން ކުރަމުންނެވެ.