މިދިޔަ އާދީއްތަ ދުވަހު ރާއްޖެއަށް 10،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިއިރު، އޭގެ ތެރެއިން 6،000 ވުރެ ގިނަ ޓޫރިސްޓުން ރިސޯޓުތަކަށް އުފުލައިދިނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިންނެވެ.

މިއީ އެއާލައިންގެ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން އުފުލި އެއް ދުވަހެވެ.

އެ އެއާލައިނުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކަށް އެ ދުވަހު އެކަނި 6،000 އަށްވުރެ ގިނަ ޓޫރިސްޓުން އުފުލާދިފައިވާ ކަމަށެވެ. އަދި މިއީ މިއަހަރުގެ އެންމެ ބިޒީ ދުވަސް ކަމަށް ވެސް ޓީއެމްއޭ އިން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ދުވަހު އެކަނި ރާއްޖެއަށް 10،213 ޓޫރިސްޓުން އައިސްފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭ އިން ރާއްޖޭގައި DHC-6 ޓްވިން އޮޓާސް މަރުކާގެ 65 ބޯޓު ބޭނުންކުރެ އެވެ. މީގެ ތެރޭގައި 11 ރިސޯޓް ބްރޭންޑެޑް އެއާކްރާފްޓާއި ދެ ވީއައިޕީ ކޮންފިގާޑް އެއާކްރާފްޓް ހިމެނެ އެވެ.

މީގެ 30 ވަރަކަށް އަހަރު ކުރިން ހިދުމަތް ފެށި އެއާލައިނުން އަހަރަކު މިލިއަނަކަށް ވުރެ ގިނަ ފަސިންޖަރުން އުފުލަ އެވެ.