ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 16 ޕަސަންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 287،067 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 247،164 ޓޫރިސްޓުންނަށް ވުރެ 39،903 ޓޫރިސްޓުން ނުވަތަ 16 ޕަސަންޓް އިތުރުވުމެކެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން އެކަނި 39،205 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ރާއްޖެ އައި ޖުމްލަ ޓޫރިސްޓުން 13.7 ޕަސެންޓެވެ.

ރަޝިއާއިން 28،163 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، އިޓަލީން 27،128 ޓޫރިސްޓުން އަދި އިނގިރޭސިވިލާތުން 25،540 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އިންޑިއާއިން އަހަރުގެ މިހާތަނަށް އައިސްފައި ވަނީ 20،535 ޓޫރިސްޓުންނެވެ. އަދި ޖަރުމަނުން 17،333 ޓޫރިސްޓުން އައިއިރު ފްރާންސުން 10،245 ޓޫރިސްޓުން އައިސްފައިވެ އެވެ.

މީގެ އިތުރުން އެމެރިކާއިން 9،446 ޓޫރިސްޓުން، ޕޮލެންޑުން 7،676 ޓޫރިސްޓުން އަދި ސްވިޓްޒަލޭންޑުން 6،421 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.