އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 2.34 ރ. ބަހަން ފާސްކޮށްފި އެވެ.

އުރީދޫގެ ހިއްސާއަކަށް 2.34 ރުފިޔާ ނިންމާފައިވަނީ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އުރީދޫގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ "ފަހިވޯޓް" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށެވެ.

އަހަރީ އާންމު ޖަލްސާގައި އުރީދޫން އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 85 ޕަސެންޓް ބަހަން ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 407 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 ޕަސެންޓް ދަށްވެފަ އެވެ.

އުރީދޫން މި އަހަރު އޮޑިޓް ކުރަން ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ މާލީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓު ވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން 90 ޕަސެންޓް ހިއްސާއަކީ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ. 5.64 ޕަސެންޓް ހިއްސާއަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިއްސާ އެވެ. އަދި 3.86 ޕަސެންޓް ހިއްސާއަކީ އާންމުންގެ ހިއްސާ އެވެ.