ކަސްޓަމަރުން ޝަކުވާކުރާތާ އެތައް ދުވަހެއް ފަހުން ހިތްހަމަޖައްސައިދޭން، އުރީދޫން މަސް ނިމޭއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އިތުރުކުރެވިގެން ދާނެ ގޮތް ހަދައިފި އެވެ.

އުރީދޫން އެ ބަދަލު ގެނައި ނަމަވެސް، ދިރާގުން މަސް ނިމޭއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އިތުރުކުރޭނެ ގޮތެއް ހަދާފައެއް ނުވެ އެވެ.

ރޯދަމަހަށް ހާއްސަކޮށްގެން އޫރިދޫން ތައާރަފުކުރި އޮފާތަކާ ގުޅޭގޮތުން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫގެ ޕޯސްޓްޕެއިޑްގެ ޕްލޭންތަކުގެ 600 އިން މަތީގެ ހުރިހާ ޕެކޭޖުތައް ބޭނުންކުރާ ފަރާތްތަކަށް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހަށް ގެންދެވޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި މަހުގެ ބާކީ ޑޭޓާ ހުރެއްޖެއްޔާ ދެން އަންނަ މަހަށް ގެންދެވޭނެ. އަޅުގަނޑުމެންގެ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ 600 އިން މަތީގެ ޕްލޭންތަކުގެ ބާކީ ހުންނަ ޑޭޓާ ދެން އަންނަ މަހަށް ގެންދެވޭނެ. އޭޕްރިލް މަހުގެ ހުންނަ ޑޭޓަތައް މެއި މަހަށް ގެންދެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ އާޗާ ޕެކޭޖުގެ ދަށުން ކޮންމެ ދުވަހަކު ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ތިން ޕެކޭޖެއް އަލަށް ތައާރަފުކޮށްފައިވެ އެވެ. އޭގެ ތެރޭގައި 600 ރުފިޔާގެ ޕެކޭޖަކާއި 800 ރުފިޔާގެ އަދި 1،000 ރުފިޔާގެ ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން އުރީދޫ ސުޕަނެޓް ރައުޓަރު ރޯދަ މަހުގެ ތެރޭގައި ގަންނަ ފަރާތްތަކަށް 40 ޕަސަންޓް އިތުރު ޑޭޓާ ލިބޭނެ ކަމަށް އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ވިދާޅުވި އެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރޯދަ މަހު ގިނަ ކަންކަން ނުބޭއްވުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް އުރީދޫން ބާއްވާނެ ކަމަށް ވެސް ނޫރާ ވިދާޅުވި އެވެ.

އެހެން އަހަރުތަކުގައި ރޯދަމަހު ހިލޭ ޑޭޓާ އެލަވަންސް އާއި ރޯދަ ހަދިޔާ ކަސްޓަމަރުންނަށް ދިން ނަމަވެސް މިފަހަރު ހިލޭ އެއްވެސް އެއްޗެއް ނުދެ އެވެ.