އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އިތުރުވެއްޖެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 359 މިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 56 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ސާފު ފައިދާ އިތުރުވި ނަމަވެސް އެސްޓީއޯ ގުރޫޕަށް ލިބުމު ފައިދާ ވަނީ ދަށްވެފަ އެވެ. އެގޮތުން، 2019 ވަނަ އަހަރު މުޅި ގްރޫޕަށް 383.4 މިލިއަން ރުފިޔާގެ ސާފު ފައިދާ ވެފައިވާއިރު މިދިޔަ އަހަރު ލިބުނީ 127 މިލިއަން ރުފިޔާ އެވެ.

މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 256 މިލިއަންް ރުފިޔާގެ ދަށްވުމެކެވެ. އެސްޓީއޯ ގްރޫޕުގައި ދަށުން ހިންގަނީ އެލައިޑް އިންޝުއަރެންސާއި މިފްކޯ އާއި މޯލްޑިވް ގޭސް އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ.

އެފްއެސްއެމް ނުވަތަ އެސްޓީއޯގެ ތެލުގެ ވިޔަފާރީން މިދިޔަ އަހަރު އެ ގްރޫޕަށް ވަނީ 3.9 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރު އެ ގުރޫޕަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނި ވިޔަފާރި އެވެ. ނަމަވެސް ތެލުގެ ވިޔަފާރި ވެސް 2019ވަނަ އަހަރާއި ބަލާއިރު 2020 ވަނަ އަހަރު ވަނީ ދަށްވެފަ އެވެ.