ރާއްޖޭއާއި ބޭރާ ދެމެދު އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ގާއިމްކުރުމަކީ ވެސް މުވާސަލާތީ ޚިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށް ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް ކަމަށް އާ ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ރައްޔިތުންގެ މި އިހުސާސްތަކަށް ރިއާޔަތްކޮށް، އިންޓަނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. މިބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިގްތިސާދަށް ލިބި، ދިވެހިން އެދޭ ތަރައްގީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.

ރާއްޖޭގެ އައިސީޓީ ދާއިރާއަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރާއިރު، މި ދާއިރާގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ހުރިކަން މިނިސްޓަރުގެ ހިތާބުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގެ އައިސީޓީ މާހައުލަށް އައިސްފައިވާ ކުރިއެރުންތަކާ މެދުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މީގެ 78 އަހަރު ކުރިން ތައާރަފް ކުރި މި ޚިދުމަތަށް މިއަދު މިވަނީ ބޮޑެތި ބަދަލުތައް އައިސްފައިވާ ކަމަށެވެ. އަދި ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު ސަބްމެރިން ފައިބާ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިރުތުން، ރާއްޖޭގެ އެތެރޭގައި ވެސް މިވަނީ ފައިބާ ނެޓްވޯކްތައް ގާއިމްކުރެވިފައިވާ އޭނާ ވިދާޅުވި އެވެ.

މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާއިން ކުރައްވާފައިވާ މަސައްކަތްތައް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ދުވަހުން ދުވަހަށް ފައިބާ ނެޓްވޯކު ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވޯކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓް ޚިދްމަތް ލިބޭކަން މިނިސްޓަރު ޝައުނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ޚިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތް ވެސް ރާއްޖެއަށް ވަނީ ތައާރަފްކުރެވިފަ އެވެ.