ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށުގެ ކައުންސިލު ރައީސުންނާ ބައްދަލުކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށުގެ ކައުންސިލާ ބައްދަލުކުރެއްވީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވާ "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި ހދ. އަދި ށ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އެކްސްކޮމް މެމްބަރުންނާއި ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ މުވައްޒަފުންނެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފައިދާ ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކައުންސިލްތަކާ ގުޅިގެން ކުރައްވާނެކަމުގެ ޔަގީންކަން ކައުންސިލްތަކަށް ދެއްވާ ކަމަށެވެ. ރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ މިނިސްޓްރީއިން ފޯރުކޮށްދޭނެ ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ ހަ ސިޔާސަތުގެ ދަށުން ކައުންސިލްތަކާއި ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތު ވަނީ ކަައުންސިލުތަކަށް ވަނީ ދީފަ އެވެ.