ރާއްޖޭގެ މައި ވައިގެ ބަދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިސްމަގާމުތަކަށް ބޭރު ގައުމުގެ މީހުން ނެގުމަށްފަހު އެއާޕޯޓުގެ މަސައްކަތް ކުރާނެ ދިވެހި މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

ވީއައިއޭ ހިންގުމާ ހަވާލުވެ ހުންނެވި މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް)ގެ ވަޒީފާތަކަށް މީހުން ހޯދާކަން އަންގާ މީޑިއާތަކަށް އެ ކުންފުނިން ފޮނުވާފައިވާ ބަޔާނެއްގައި ބުނީ ވީއައިއޭއަކީ ރާއްޖޭގެ އިގްތިސޯދުގައި ހިއްސާވާ އެންމެ ބޮޑު ބައިވެރިޔާކަމަށް ވުމުން އެ އެއާޕޯޓުގައި އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށްދާއިރު އެ މަޝްރޫއަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މީޑިއާތަކަށް ފޮނުވި މެއިލްގައި އެމްއޭސީއެލުން ބުނީ، އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ އެއާޕޯޓަށް ގާބިލް ދިވެހިންގެ ޓީމެއް އެކުލަވާލުމަށްޓަކައި ދިވެހިން ކޮންމެހެން ބޭނުންވާ ކަމަށެވެ. އަދި ބުނީ އަލަށް މަގާމަށް އައްޔަން ކުރާ މުވައްޒަފުން ތަޖުރިބާ ހުރި މުވައްޒަފުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވީއައިއޭގެ އިސް މަގާމުތަކަށް ބޭރު މީހުން ހޯދާތީ އާއްމުން ދަނީ އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ވީއައިއޭގެ މެނޭޖިން ޑިރެކްޓަރަކަށް މި ވަގުތު ހުންނެވީ ވެސް ބޭރު މީހެކެވެ.