ރާއްޖޭގައި ހިންގާ ބޭންކްތަކުން ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ހަދަން ނިންމި އުސޫލަށް އަމަލުކުރުން ފަސްކުރުމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ)އިން ނިންމައިފި އެވެ.

އެމްއެމްއޭ އިން ކުރިން އިއުލާނެއްގައި ބުނެފައިވަނީ އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހިންގާ ބޭންކުތަކުން ދޫކުރާ ވިސާ ކާޑު މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ކަމަށާއި، އެ ކާޑުތަކުން މުއާމަލާތްކުރާނީ އެ ދުވަހުން ފެށިގެން ދިވެހި ރުފިޔާއިން ކަމަށެވެ. ކުރިން މިގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 15 އިން ފެށިގެން ނެވެ.

މި ނިންމުމަށް އަމަލުކުރުން ފަސްކުރީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި، ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން މިބަދަލު ގެންނަނީ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ރާއްޖޭގައި ތައާރަފްކުރުމާއެކު އެވެ.

ރާއްޖޭގައި ދޫކުރާ ވިސާ ކާޑުތަކުން ކުރާ ވިޔަފާރިތަކުގައި ބައެއް ތަންތަނުން ޗާޖުކުރަނީ ޑޮލަރުންނެވެ. ދިވެހި ރުފިޔާ ބޭނުންކުރާ ކާޑުތަކުން ވެސް އެގޮތަށް ޑޮލަރުން ކަނޑަނީ، އެނގިފައިވާ ގޮތުގައި، ބައެއް ވިޔަފާރިތަކުން ރާއްޖެއިން ބޭރުން ގެނެސް ހުންނަ ކާޑު މެޝިންތައް ވެސް މެދުވެރިކޮށެވެ.

ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް"ގެ ގޮތުގައި އެމްއެމްއޭއިން ކަނޑައަޅާފައި ވަނީ ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އެވެ. އެހެންކަމުން ރާއްޖޭގައި ދޫކުރާ ހުރިހާ ވިސާ ކާޑެއްގެ މައިގަނޑު ސެޓްލްމަންޓް ހަދާނީ ބީއެމްއެލް އިންނެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ޑޮލަރުގެ ތާށިކަން ބޮޑުވުމާއެކު ޑޮލަރުގެ ހާލަތު ރަނގަޅުކޮށް ޑޮލަރުގެ އަގު ހިފަހެއްޓުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.