ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރަން ފިނޭންސް މިނިސްޓްރީން ދިރާސާކުރަން ފަށައިފި އެވެ.

ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް "ހުރިހާ" އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ޕްރައިވެޓައިޒްކުރަން ފުރުސަތު އޮތް މިންވަރު ބެލުމުގެ ގޮތުން ސަރުކާރުގެ ހުރިހާ ކުންފުންޏެއް ވެސް ބަލަމުން އަންނަ ކަމަށެވެ.

"ވަކި ކުންފުންޏެއް ޕްރައިވެޓައިޒް ނުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ. ކުންފުނިތައް ޕްރައިވެޓައިޒްކުރުމުގެ އޮޕްޝަންތައް ބަލަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވީ ޕްރައިވެޓައިޒްކުރުމާ ބެހޭ ދިރާސާ އެ މިނިސްޓްރީން ކުރިޔަށް ގެންދަނީ މި އަހަރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރުމުގެ ގޮތުން ނޫން ކަމަށެވެ.

"މިއީ ތިން އަހަރުގެ ޕްލޭނެއް. މި ޕްލޭންގެ ދަށުން ކޮންމެ އަހަރަކު ވެސް ވަކި މިންވަރެއް ޕްރައިވެޓައިޒްކުރަން ވިސްނާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވީ ޕްރައިވެޓައިޒްކުރުމާ ބެހޭ ދިރާސާ ނިންމުމަށްފަހު، ޕްރައިވެޓައިޒްކުރާނެ ކުންފުނިތައް ކަނޑައަޅާނީ ކެބިނެޓުން ކަމަށެވެ. އަދި އެކަމާ ގުޅޭ ޕޭޕަރުތައް މިއަހަރުގެ ތެރޭގައި ކެބިނެޓަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ތިން އަހަރުގެ ދުވަހުގެ ޕްރޮގްރާމެއް. ކުންފުނިތަކުގެ ހިންގުން ހަރުދަނާވެގެން އަންނަނީ ޕްރައިވެޓައިޒް ކޮށްގެން ކަމަށްވާނަމަ އެ އެންގަލުން ވިސްނާނީ،" ސަރުވަޝް ވިދާޅުވި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން ދެ ބިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ.