ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިިސްޓުންނަށް ގެސްޓު ހައުސްތަކަށް ނުދެވޭގޮތަށް ހަމަޖައްސަައިފި އެވެ.

ދެކުނު އޭޝިއާ ޓޫރިސްޓުން ރާއްޖެ އައުން މަނާކޮށްފައި އޮތް އޮތުން އުވާލާއިރު މި އެ މީހުންނަށް ރަށްރަށުގެ ގެސްޓް ހައުސްތަކަށް ދެވޭނީ މި މަސް ނިމުމުން ކަމަށާއި އެހާ ހިސާބަށް ދެވޭނީ ރިސޯޓްތަކަށް އެކަނި ކަމަށް ހަމަޖައްސާފައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު އެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނެ އެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް އެ ސަރަހައްދުން އަންނަ ހުރިހާ ޓޫރިސްޓުން ވެސް ތިބެން ޖެހޭނީ ރިސޯޓުތަކުގަ އެވެ.މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ނިންމުމަށް ބަދަލު ގެނެސް ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ވެސް ގެސްޓް ހައުސްތަކަށް ދެވޭ ގޮތް ހަދާނެ އެެވެ.

އެކަމަކު އޭގެ ކުރިން، ގެސްޓް ހައުސް ހުރި ރަށްރަށުގެ އާބާދީގެ 60 ޕަސެންޓު އަދި ގެސްޓުހައުސްތަކުގެ 95 ޕަސެންޓު މުވައްޒަފުން ވެކްސިން ފުރިހަމަކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

ޓޫރިސްޓުންނަށް ދޭ ލުއިތަކާ އެކު ދާއިމީ ގޮތެއްގައި ރިސޯޓުތަކުން ކޮވިޑް-19އަށް ޓެސްޓު ކުރެވޭ އިންތިޒާމް ހަމަޖެއްސުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިކަން ކުރަން ޖެހޭނީ ރިސޯޓުން އަމިއްލައަށް ނުވަތަ އެހެން ބަޔަކާ ގުޅިގެންނެވެ. މި އިންތިޒާމުތައް ހަމަޖެއްސުމަށް ވަކި މުއްދަތެއް ވެސް ސަރުކާރުން ކަނޑައަޅާނެ އެވެ.