ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހަދާ ޓާމިނަލްގެ މަސައްކަތް ނިންމަން ބޭނުންވާ އިތުރު ފައިނޭންސްގެ ގޮތުގެއި ކުވައިތު ފަންޑުން 15 މިލިއަން ކުވައިތު ދީނާރު (50 މިލިއަން ޑޮލަރު، 770 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން މިއަދު ހޯދައިފި އެވެ.

އެ ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް ފޯ އެޑްމިން އެންޑް ފައިނޭންސް އެފެއާޒް، ނަދާލް އޭ އަލް-އޮލާޔަން އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ތަރައްގީގެ މަޝްރޫއުއަށ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ. މި ވީއައިއޭގެ ޓާމިނަލް ހެދުމުގެ މަސައްކަތްކުރަނީ ސައުދީ އަރަބިއްޔާގެ ސައުދީ ބިންލާދިން ކުންފުނިންނެވެ.

އެއާޕޯޓު ޕްރޮޖެކްޓްގެ ދަށުން އާ ރަންވޭ އާއި ފިއުލް ފާމެއް، ޕެސެންޖާ ޓާމިނަލް، ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްއެއް ހަދާނެ އެވެ.

އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ އިތުރު ފައިސާގެ ގޮތުގައި ކުވައިތު ފަންޑުން ހޯދި 15 މިލިއަން ކުވައިތު ދީނާރުގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. ފޮޓޯ: ފިނޭންސް މިނިސްޓްރީ

މީގެ ތެރެއިން ވީއައިއޭގައި 3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭގެ މަސައްކަތް ނިންމައިފަ އެވެ. އަދި ފިއުލް ފާމާއި ސީ ޕްލޭން ޓާމިނަލް އާއި އާ ޓާމިނަލް އާއި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް އެ އެއާޕޯޓު ތަރައްގީކުރަނީ ސައުދީ ފަންޑުން 357 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ހޭދަކޮށްގެންނެވެ.

އެއާޕޯޓު ޕްރޮޖެކްޓަށް ކުވައިތު ފަންޑުން މީގެ ކުރިން 2016 ވަނަ އަހަރު ވެސް 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފައިވެ އެވެ. މީގެ އިތުރުން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވެސް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެ އެވެ.

އާ ސަރުކާރު ހަވާލުވި ފަހުން އެ ޓާމިނަލަށް އެކި ކަހަލަ ކުދިކުދި ބަދަލުތަކެއް ގެނައުމުން އެ ޕްރޮޖެކްޓް ނުނިމި ދަނީ ދިގުލަމުންނެވެ. އަދި އެ ބަދަލުތަކާ ހެދި ޕްރޮޖެކްޓްގެ އަގު ވެސް ބޮޑުވެފައިވެ އެވެ.

އެ ޕްރޮޖެކްޓަށް ގެނައި ބަދަލުތަކާއެކު މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ ދުވަހެއް އެމްއޭސީއެލް އިން ހާމައެއް ނުކުރެ އެވެ.