ސަރުކާރުގެ ހަރަދުތައް ކުރުމަށްޓަކައި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން އިތުރު 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ލޯނެއް ނެގުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިސީ އެޑްވޮކެސީ ކޯކަސް (އެމްޕެކް) އިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އައިއެމްއެފުން އިތުރު ލޯނެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިލޯނަކީ ރާއްޖެއަށް ކަނޑައަޅާފައިވާ ސްޕެޝަލް ޑްރޯވިން ރައިޓްސް (އެސްޑީއާރް)ގެ ލިމިޓަށް ވާވަރަށް ނެގުމަށް ނިންމާފައިވާ ލޯނެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެސްޑީއާރަކީ ޤައުމުތަކުގެ ރިޒާވްއަށް އަންނަ އުނިކަން ފޫބެއްދުމުގައި އެހީތެރިވުމަށް އައިއެމްއެފުން ޤާއިމުކޮށްފައިވާ ރިޒާވް އެސެޓެކެވެ. ޤައުމުތަކުގެ ލިކުއިޑިޓީ (ފައިސާ ހުރި މިންވަރު) ދަށްވާ ހާލަތްތަކުގައި އެހީތެރިވުމަށް މި އެސެޓް ބޭނުންކުރެ އެވެ.

އެސްޑީއާރުގެ އަގެއްގެ ގޮތުގައި މިހާރު އައިއެމްއެފުން ކަނޑައަޅާފައިވާ އަގަކީ 1.4 ޑޮލަރެވެ. އަދި ރާއްޖެއަށް އެސްޑީއާރުގެ ގޮތުގައި ނެގޭނީ 21.2 މިލިއަން އެސްޑީއާރު ކަމަށް އައިއެމްއެފުންވަނީ ކަނޑައަޅާފަ އެވެ.

ރާއްޖޭގެ އިގްތިސާދު ކޮވިޑާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމަށް މިދިޔަ އަހަރުވެސް އައިއެމްއެފުން ދިން ރެޕިޓް ކްރެޑިޓް ފެސިލިޓީގެ ދަށުން 28.9 މިލިއަން ޑޮލަރު (446 މިލިއަން ރުފިޔާ) ހޯދައިފަ އެވެ.

ކޮވިޑްގެ ހާލަތުގައި އިގްތިސާދަށް ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަތުމަށް 520 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) މާލީ އެކި އިދާރާތަކުން ހޯދާފައިވެ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 86 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.