އަންނަ އަހަރު ދައުލަތަށް 23.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާއިރު 33.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އާ ކަންތައްތަކެއް ތައާރަފު ކުރެވިގެންދާއިރު މިކަންތައްތަކުން ދައުލަތުގެ ބަޖެޓަށް 1.39 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް އެރިޕޯޓްގައި ވަނީ އަންދާޒާކޮށްފަ އެވެ.

އާމްދަނީ ހޯދަން ކުރާ އާ ކަންތައްތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމާއި ރިސޯޓު ތަރައްގީ ކުރަން ރަށްތައް ދޫކުރުމާއި ޕާކިން ފީ އާއި ބިން ވިއްކުމާއި ބިދޭސީންގެ ކޯޓާ ފީ އަދި ރެޒިޑެންޓް ޕާމިޓް ފީ ނެގުން ހިމެނެ އެވެ.

އަންނަ އަހަރު ދައުލަތުގެ ހަރަދު ވާނެ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވަނީ 33.8 ބިލިއަން ރުފިޔާ އެވެ. އެގޮތުން، ރިކަރަންޓު ހަރަދުގެ ގޮތުގައި 21 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ދޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ބަޖެޓުން ހަރަދު ވާނެ ކަމަށް ވެސް ފިނޭންސުން ވަނީ ލަފާ ކޮށްފަ އެވެ.

މިއަހަރު ނިމޭއިރު ދަރަނީގެ އަދަދު 79 ބިލިޔަން ރުފިޔާއަށް އަރާއިރު އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 128 ޕަސެންޓް ކަމަށް އެ ރިޕޯޓްގައިވެއެވެ. އޭގެ ތެރެއިން ބޭރުގެ ދަރަނީގެ މިންވަރު 38 ބިލިޔަން ރުފިޔާގައި ހުރިއިރު އެތެރޭގެ ދަރަންޏަކީ 41 ބިލިޔަން ރުފިޔާ އެވެ.

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު މިހާ މައްޗަށް ދިޔައީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވުމާއެކު ގައުމީ އުފެއްދުންތެރިކަން ދަށްވުމުން ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން މިހާރު އަންނަނީ އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ނިންމައި މި މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓްގެ ޖުމްލަ އަކީ 34.9 ބިލިއަން ރުފިޔާ އެވެ. މި އަހަރަށް އާމްދަނީގެ ގޮތުގައި 20.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. އަދި 32.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.