ގައުމީ އެއާލައިން މޯލްޑިވިއަން އިން ޕައިލެޓުން އިސްތިއުފާދިން ނަމަވެސް ކުންފުނީގެ މަސައްކަތަށް ބުރޫ ނާރާނެ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ ސީޕްލޭން ދުއްވާ 8 ޕައިލެޓަކު މިއަދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މި ޕައިލެޓުން އިސްތިއުފާދިނީ ކޮވިޑް -19 އާ ގުޅިގެން ކަނޑާލި މުސާރަތައް އިއާދަ ނުކުރުމުންނެވެ.

އެ ޕައިލެޓުން ބުނިގޮތުގައި އެހެން ކުންފުނިތަކުން ޕައިލެޓުންގެ އުނި ކުރި މުސާރަ އިއާދަ ކޮށްފައިވާއިރު މޯލްޑިވިއަނުން ވެސް އެގޮތަށް އަމަލުނުކުރުމަކީ ހިތާމަހުރި ކަމެކެވެ.

"އަޅުގަނޑުމެން ބައްދަލުކުރިން މެނެޖްމެންޓާ ވެސް. އެގޮތަށް މުސާރަ އިއާދަ ނުކުރުމަކީ އަލުގަނޑުމެންނަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. އެހެން ތަންތަނުން މިހާރު އެ މުސާރަ އިއާދަ ކޮށްދީފި. ނަމަވެސް ކުންފުނީގެ އިސްވެރިންގެ މުސާރަތަކަށް ބަދަލެއް ނާދޭ. ނުވެސް ކަނޑާ،" މިމައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި ޕައިލެޓަކު ބުންޏެވެ.

އޭނާ ބުނީ މިހާ ދޯދިޔާ އަދި މެނޭޖްކުރަން ނޭނގޭ ވެރިތަކެއް ކުންފުނީގައި ދުވަހަކު ވެސް މަސައްކަތް ނުކުރާ ކަމަށާއި މިހާރު ކުންފުނީގެ މައްސަލަތައް ބޮޑުވެ އެއްވެސް ކަހަލަ ހަރުދަނާ ގޮތެއްގައި ކުންފުނީގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް އިތުރު ޕައިލެޓުންތަކެއް ކުރިއަށް މިއޮތް ހަފުތާ ތެރޭ ވަކިވާނެ އެވެ. ޕައިލެޓުންގެ އިތުރުން ކުންފުނީގެ އިސް މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު ވެސް ވަނީ ވަކިވެފަ އެވެ.

މޯލްޑިވިއަނުން ބުނެފައި ވަނީ މީހުން ވަކިވިޔަސް ކުންފުނީގެ އޮޕަރޭޝަންސްތައް އެއްވެސް ބުރުލެއްނާރާ ކުރިއަށް ދާނެ ކަމަށާއި އެ ބޭފުޅުން އިސްތިއުފާ ދެއްވީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އަދި ބައެއް ބޭފުޅުން އިސްތިއުފާ ދިނީ އެހެން އާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.