2022 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި އެކި ދާއިރާތަކަށް ހޭދަކުރާ ބަޖެޓް ބެހިފައިވާ ގޮތަށް ބަލާލާއިރު އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ އިގުތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ކުރާ ޚަރަދަށެވެ.

އިގުތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ހިންގޭ މަޝްރޫއުތަކާއި އެހެނިހެން ޚަރަދުތަކަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 8,085 މިލިއަން ރުފިޔާ ހިމަނާފައިވެެ އެވެ. މީގެ ތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރާ މަސައްކަތްތެރިންނާއި ވިޔަފާރި ކުރިއެރުވުމަށް އަދި އިގުތިސާދު ފުޅާކުރުމަށެވެ. މިކަންތައްތަކަށް 3,466 މިލިއަން ރުފިޔާ ވަނީ ބަޖެޓުކުރެވިފައެވެ. އަދި ދަތުރުފަތުރު ކުރިއެރުވުމަށް 2,418 ހިމަނާފައިވެ އެވެ.

ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތްތަކަށް 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 1,731 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ގާނޫނުތައް ހެދުމާއި، މާލީ އަދި ފިސްކަލް ކަންތައްތަކާއި ޚާރިޖީ ސިޔާސަތުތަކަށް ކުރާ ޚަރަދަށް 1,568 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އާންމު ޚިދުމަތްތަކަށް ބަޖެޓުކޮށްފައިވަނީ 163 މިލިއަން ރުފިޔާ އެވެ

އިޖުތިމާއީ އަދި ދީނީ ޚިދުމަތް ދިނުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 839 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެ ތެރޭގައި މުނިފޫހިފިލުވުމާއި ކުޅިވަރަށް 426 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު ދީނީ ޚިދުމަތަށް 281 މިލިއަން ރުފިޔާ ކަނޑައެޅިފައިވެ އެވެ.

ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތްތައް ދިނުމަށާއި ފުޅާކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 4,640 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް 3,784 މިލިއަން ރުފިޔާ، އަދި އާންމު ސިއްހީ ޚިދުމަތްތަކަށް 603 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެ އެވެ.

ތައުލީމީ ހިދުމަތްތަކާއި ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް ބަޖެޓުގައި 4,067 މިލިއަން ރުފިޔާވަނީ ހިމަނާފަ އެވެ. މީގެ ތެރޭގައި ފަށާ، ޕްރައިމަރީ އަދި ސާނަވީ ތައުލީމަށް 3,117 މިލިއަން ރުފިޔާ ޚަރަދުކުރެވޭއިރު 949 މިލިއަން ރުފިޔާ މަތީ ތައުލީމަށް ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ.

ގެދޮރު އިމާރާތްކުރުމަށާއި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތްތަކަށް 2,333 މިލިއަން ރުފިޔާ 2022 ވަނަ އަހަރަށް ބަޖެޓުކޮށްފައިވެ އެވެ. މިބައިގައި ދެން ހިމެނިފައިވާނީ ބޯފެން ފޯރުކޮށްދިނުމަށް ކުރާ ޚަރަދެވެ.

އިޖުތިމާއީ ރައްކާތެރިކަމަށް 3,059 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މީގެ ތެރޭގައި ބަލިވުމާއި ޚާއްސައެހީއަށް 1,206 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، އުމުރުން ދުވަސްވީ ފަރާތްތަކަށް 1,404 މިލިއަން ރުފިޔާ އަދި އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ޚަރަދުތަކަށް 449 މިލިއަން ރުފިޔާވަނީ ބަޖެޓްކޮށްފަ އެވެ. މި ބަޔަށް 2022 ވަނަ އަހަރު ކަނޑައަޅާފައިވާ ޖުމުލަ ބަޖެޓަކީ 3,059 މިލިއަން ރުފިޔާ އެވެ.

ތިމާވެށި ރައްކާތެރިކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 1,543 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެއެވެ. މިބައިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާނީ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރެވޭ ޚަރަދުތަކަށެވެ. މިކަމަށް 836 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.

ދިފާއީ ކަންކަން ބެލެހެއްޓުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 1,675 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މި ބައިން ކުރެވޭ ޚަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާނީ މިލިޓަރީ ޑިފެންސަށެވެ. އެއީ 1,656 މިލިއަން ރުފިޔާއެވެ.

އަދުލު އިންސާފާއި އަމަން އަމާންކަން ގާއިމުކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުން 3,027 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. މިބައިން ކުރެވޭ ޚަރަދުގެ އެންމެ ބޮޑުބައެއް ހޭދަކުރެވެނީ ބޯޑަރ ބެލެހެއްޓުމާއި އަމަންއަމާންކަން ގާއިމުކުރުމަށެވެ. މިކަމަށް 1,928 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.