ޕަބްލިކް އެކައުންޓުން އޯވަޑްރޯ ނުވަތަ ފައިސާ ޗާޕުނުކޮށްފިނަމަ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 26 ބިލިއަން ރުފިޔާއަށް ކުޑަކުރަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ހުއްދައަށް މަޖިލީހުގައި އެދިވަޑައިގެންފައިވާ މައްސަލައާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އޯވަޑްރޯ ނުކޮށްފިނަމަ އެންމެ ގިނަވެގެން ވެސް ބަޖެޓުގެ އަދަދުކަމަށް ކަނޑައެޅޭނީ 26 ބިލިއަން ރުފިޔާއަށް ކަމަށެވެ. އަދި ބަޖެޓް ކުޑަކޮށްފިނަމަ މިހާރު ސަރުކާރުން ކުރުމަށް ރާއްވަވާފައިވާ ގިނަ މަޝްރޫއުތައް މަދުކުރަންޖެހި، އަލަށް ކުރަންރާވާފައިވާ ކަަންކަން މަޑު ޖައްސާލަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

އަމިީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފޫބެއްދޭނީ ބަޖެޓުގައި މިހާރު ކުރަން ރާވާފައިވާ ކަންކަން ކޮށްގެން ކަމަށެވެ.

"ބަޖެޓު ކުޑަކުރެވިދާނެ، 36.9 ބިލިއަން ރުފިޔާ އިން އަޅުގަނޑުމެން 26 ބިލިއަނަށް ކުޑަކުރެވިދާނެ. އޭރުން ޖެހޭނީ ގިނަ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލަން. އަދި މުވައްޒަފުންގެ މުސާރަ ކުޑަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އޯވަޑްރޯ ކުރުމުން ރިސްކުތަކެއް ހުރިނަމަވެސް، ފާއިތުވި 18 ވަރަކަށް މަސްދުވަހު މެނޭޖުކުރިގޮތަށް އެކަން ކުރެވޭނެ ކަމަށެވެ. އަދި އޯވަޑްރޯކޮށްގެން އިގްތިސާދު ބެލެންސް ކުރުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޯވަޑްރޯ ކުރާ މުއްދަތު އެއް އަހަރަށް އިތުރުކުރަން ޖެހެނީ ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުން އެއްކޮށް އަރައިގަނެވިފައިނުވާތީ. ކޯވިޑްގެ ހާލަތު މިހާރު ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތައް ގިނަ. އަދި ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު އެހާ ބޮޑަށް ދަށަށް ނުދިޔައީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރުން ބަލާނަމަ 2023 ވަނަ އަހަރު ކޮވިޑްގެ ކުރީގެ ހާލަތަށް އިގްތިސާދު ގެންދެވޭނެ ކަމަށެވެ. އަދި އޯވަޑްރޯ ކުރުމަށް ތިންވަނަ ފަހަރަށް މަޖިލީހަށް ހުށައަޅާފައިވާއިރު އޯވަޑްރޯ ކުރެވޭ މިންވަރު 3.5 ބިލިއަން ކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް އަމީރު އެދިވަޑައިގެންނެވި އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް އަމަލުކުރުން ހުއްޓާލާފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ހުއްދައަށް އެދި މިނިސްޓަރު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފަ އެވެ. މިއީ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލާފައި އޮތް އޮތުން އިތުރުކުރުމަށް އެދުނު ތިން ވަނަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަޖިލީހުން ވަނީ މިމުއްދަތު އިތުރުކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ ވޭތުވެދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.