މިމަހުގެ މިހާތަނަށް ވެސް 100،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރު ބަންދުކުރުމަށްފަހު އަލުން ހުޅުވި ފަހުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުން ޑިސެމްބަރ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،153 ޓޫރިސްޓުންގެ އާދެ އެވެ. މިއީ ކޮވިޑް-19އަށްފަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް މިހާ ގިނަ ފަތުރުވެރިން އަންނަން ފެށި ފުރަތަމަ މަހެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،825 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް މިހާރު ވަނީ 100،000 އަށް ވުރެ އިތުރުވެފަ އެވެ. އެގޮތުން މިމަހުގެ 1 ން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 113،367 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 286،434 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 214،232 ޓޫރިސްޓުންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ. އެ ގައުމުން ވެސް 90،732 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގައި މިވަގުތު ޓޫރިސްޓުންނަށް ޚިދުމަތް ދޭން 916 ތަނެއް ހުޅުވާފައިވެ އެވެ. އެއީ މުޅި ޖުމްލަ 52،922 އެނދެވެ.