އާ އަހަރާއި ސްކޫލް ޗުއްޓީއާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެފައިވާތީ ޑޮމެސްޓިކް އެއާލައިންތަކަށް ލުޔެއް ދިނުމުގެ ގޮތުން އެއާޕޯޓުގެ އޮޕަރޭޝަން ފަށާ ގަޑި މިއަދުން ފެށިގެން އަވަސްކޮށްފި އެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ހެޑް ހަސަން އަރީފު ވިދާޅުވީ ކުރިޔަށް އޮތީ ޓޫރިޒަމްގެ ސީޒަންގެ ޕީކްގެ އެންމެ ބާރުބޮޑު ދުވަސްވަރުވުމުން އެއާޕޯޓުގެ އޮޕަރޭޝަން ފަށާ ގަޑި އެއްގަޑިއިރު އަވަސްކުރުމުން ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް އެ އެއާޕޯޓުގެ އޮޕަރޭޝަން ފަތިހު 5 ޖާހައިރު ފަށާގޮތަށް އެމްއޭސީއެލް އިން ވަނީ ނިންމައިފަ އެވެ.

"މި ގޮތަށް ހެދުމުން ޑޮމެސްޓިކްގެ އިތުރުން އެހެން އެއާލައިންތަކަށް ވެސް ލުޔެއް ލިބިގެންދާނެ. މި ތަޖުރިބާއަށް ވިސްނައި ކުރިޔަށް އޮތްތަނުގައި މިގޮތަށް އޮޕަރޭޝަން ކުރިޔަށް ގެންދިއުމުގެ ވިސްނުމެއް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ވީއައިއޭގެ އޮޕަރޭޝަން ފަށަނީ ހެނދުނު 6:00 ގަ އެވެ. އަދި ރޭގަނޑު 12:00 ން ފެށިގެން އޮޕަރޭޝަންތައް މެދުކަނޑާލަ އެވެ. ނަމަވެސް މިއަދުން ފެށިގެން ފަތިހު 5:00 ގައި އޮޕަރޭޝަން ފެށުމުން އެއާލައިންތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އާ އަހަރާ ދިމާކޮށް އަދި ސްކޫލް ޗުއްޓީއާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމުން ޑޮމެސްޓިކް އެއާލައިންތަކަށް ވަނީ ވަރަށް ބާރުބޮޑުވެފަ އެވެ.