މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔަރާތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 109،842 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ 26 ދުވަހާ އަޅާބަލާއިރު 48 އިންސައްތައިގެ އިތުރުވުމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މިއަހަރު ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. މިއަހަރު ރަޝިއާއިން މިހާތަނަށް 20،244 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން ރާއްޖެއަށް 10،602 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4301 ފަތުރުވެރިން އާދެ އެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ޢާއްމުގޮތެއްގައި 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

ރާއްޖޭގައި މިވަގުތު 167 ރިސޯޓަކުންނާއި 800 ގެސްޓްހައުސް އަދި 157 ސަފާރީން ޓޫރިސްޓުންނަށް ހިދުމަތްދެ އެވެ.