ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ތިން އަހަރު ފަހުން، މާދަމާ ބޭނުންކުރަން ފަށަން ނިންމައިފި އެވެ.

އެ ރަންވޭ ނިމިފައި އޮންނަތާ ތިން އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވެހުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، ޓެކްސީ ވޭއެއްގެ ގޮތުގައި މާދަމާއިން ފެށިގެން އާ ރަންވޭ ބޭނުންކުރަން ފަށާނެ ކަމަށެވެ.

އެ ރަންވޭ ބޭނުންކުރާނީ މިހާރު ބޯޓު ޖައްސަމުން ގެންދާ ރަންވޭގައި ބޯޓު ޖެއްސުމަށްފަހު އަނބުރާލައި ޕާކު ކުރުމަށް ދާ މަގެއްގެ ގޮތުގައި ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލްއިން ބުނީ އާ ރަންވޭ ބޭނުންކުރާ ނަމަ ގަޑިއަކު އަށް ބޯޓު ޖެއްސުމުގެ ބަދަލުގައި 16 ބޯޓު ޖެއްސޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޯޓު ލޭންޑް ނުކޮށް ވައިގެ ތެރޭގައި ދުއްވަން ޖެހޭ ވަގުތު މަދުވެގެންދާނެ ކަމަށް ވެސް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ. އެމްއޭސީއެލްއިން އިތުރަށް ބުނީ، ޓެކްސީ ވޭއެއްގެ ގޮތުގައި އާރަންވޭ ބޭނުންކުރަން ފަށާނީ މިއަހަރުގެ ފަހުކޮޅުގައި ކަމަށެވެ.

ކުރީގެ ސަރުކާރުން ހެދި މި ރަންވޭ އަކީ 3،400 މީޓަރުގެ ދިގު ރަންވޭ އެކެވެ.