ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ، ވަގުތީ ގޮތުން ބޭނުންކުރަން ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާފައިވާ އާ ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި މިއަދު ހެނދުނު ބޭނުން ކުރަން ފެށުމާއެކު ރަންވޭ އިން ޖާގަ ނުލިބިގެން ފްލައިޓްތައް ނުޖެއްސި ހޭދަކުރަން ޖެހޭ ވަގުތު މަދުވެ، އެއާޕޯޓުގެ އޮޕަރޭޝަން ހަލުވިވެގެންދާނެ ކަމަށެވެ.

އެގޮތުން މިހާރު ގަޑިއެއްގެ ތެރޭގައި އަށް މަތިންދާބޯޓަށް ރަންވޭ ބޭނުންކުރެވޭއިރު، މި ބަދަލާއި އެކު 16 މަތިންދާބޯޓު އިތުރުވެގެންދާނެކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ. އަދި ޕީކް ގަޑިތަކުގައި މިއަދަދަށް ވުރެ ގިނަ މަތިންދާ ބޯޓަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

އޭގެ އިތުރުން، އެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަމުން ދިއުމާއި އެކު މަތިންދާ ބޯޓު ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓު ދެ މިނެޓަށް ކުޑަވެގެންދާނެކަމަށާއި، އޭގެ ސަބަބުން އިތުރު މަތިންދާ ބޯޓުތަކަށް ރަންވޭގައި ޖެއްސުމާއި ދިއުމަށްދާ ވަގުތު ކުޑަވެ، ދަތުރުވެރިންނަށް ފަސޭހަ ވެގެންދާނެ ކަމަށް އެމްއޭސިއެލްއިން ވަނީ ބުނެފަ އެވެ.

އާ ރަންވޭ ވަގުތީގޮތުން ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށިނަމަވެސް، ފްލައިޓުތައް ޖައްސައި ފުރުމަށް މި ރަންވޭ މިއަހަރުގެ ފަހުކޮޅުގައި ބޭނުންކުރަން ފަށާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ކުރީގެ ސަރުކާރުން ހެދި މި ރަންވޭ އަކީ 3،400 މީޓަރުގެ ދިގު ރަންވޭ އެކެވެ.