އަލަށް ރިސޯޓު ހަދަން ހުޅުވާލި 21 ރަށަށް ބިޑް ކުރުމަށް ދީފައިވާ މުއްދަތު ޓޫރިޒަމް މިނިސްޓްރީން އިތުރުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރަށްތައް ދޫކުރަން ބިޑްކުރަން ދިން މުއްދަތު 23 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. ބިޑް ކުރުމުގެ މުއްދަތު އިތުރުކުރި ސަބަބެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނީ ރަށްތަކަށް ބިޑް ހުށަހެޅުމުގެ ތާރީހުތަކަށް ބަދަލު ގެނައީ ކޮވިޑުގެ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރުކުރުމާއި ވިޔަފާރީގެ ބައެއް ކަންކަމަށް ހުރަސް އެޅިފައި ވާތީ ކަމަށެވެ. އެހެންކަމުން ރަށްތަކަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ތައްޔާރުވުމަށް އިތުރު ފުރުސަތު ދޭން ނިންމީ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ބިޑް ކުރުމަށް މިހާރު ދީފައިވާ ތާރީހުތަކަކީ:

  • 22 މާޗް 2022ގެ ހެނދުނު 10 ޖަހާއިރު - ހއ.، ހދ.، ށ. އަދި ރ. އަތޮޅުގެ ރަށްތަކަށް
  • 27 މާޗް 2022ގެ މެންދުރު 1 ޖަހާއިރު - މ.، ފ.، އަދި ތ. އަތޮޅުގެ ރަށްތަކަށް
  • 23 މާޗް 2022ގެ ހެނދުނު 10 ޖަހާއިރު - ލ.، ގއ.، އަދި ގދ. އަތޮޅުގެ ރަށްތަކަށް

އާ ތާރީހުތަކާ ގުޅިގެން ރަށްތަކާ ގުޅޭ މައުލޫމާތު ސާފުކުރުމާއި ބިޑް ފޮތް ގަތުމަށް ދީފައިވާ މުއްދަތު ވެސް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށް އިއުލާނުގައިވެ އެވެ.