ވެލާނާ އެއާޕޯޓުން ކޮވިޑުގެ ކުރީން ހިދުމަތް ދެމުން އައި މިންގަނޑަށް އަލުން ހިދުމަތްތައް އިޔާދަކުރުމަށް ކުރަމުން އަންނަ މަސައްކަތުން މިދިޔަ އަހަރު 1.4 މިލިއަން މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެމްއެމްއޭސީއެލްއިން ބުނެފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ބުނީ ކޮވިޑާއެކު ވެލާނާ އެއާޕޯޓުގެ ހިދުމަތް ބޭނުންކުރާ މިންވަރު 2020 ވަނަ އަހަރު ވަރަށް ބޮޑަށް ދަށްވުމުން މިދިޔަ އަހަރު އަދަދުތައް މަތިކުރަން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

އެގޮތުން 1.4 މިލިއަން މީހުންގެ ތެރޭގައި ޓޫރިސްޓުންނާއި ބިޒްނަސް ވިސާގައި އައި މީހުންނާއި އެހެނިގެން ގޮތްގޮތަށް ރާއްޖެއަށް އައި މީހުން ވެސް ހިމެނޭ ކަމަށް އެމްއެމްސީއެލްގެ ތަފާސް ހިސާބުތަކުން ދައްކާ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، 2019 ވަނަ އަހަރު ޖުމްލަ ދެ މިލިއަން މީހުން އައިސްފައިވެ އެވެ. 2019 ވަނަ އަހަރު އެތެރޭގެ އުދުހުންތަކުގައި ހަ ލައްކައަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާއިރު މިދިޔަ އަހަރު ވަނީ ތިން ލައްކަ މީހުން އެތެރޭގެ އުދުހުންތަކުގައި ދަތުރުކޮށްފަ އެވެ.

ވެލާނާ އެއާޕޯޓަށް ކާގޯ އެތެރެކުރާ މިންވަރަށް ބަލާއިރު 2019 ވަނަ އަހަރު 55،000 ޓަނުގެ މުދާ ވައިގެ މަގުން އިމްޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރު ގާތްގަނޑަކަށް 30،000 ޓަނުގެ މުދާ އެތެރެކޮށްފައިވެ އެވެ. ހަމައެއާއިކު 2019 ވަނަ އަހަރު 13،000 ޓަނުގެ މުދާ ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރު ގާތްގަނޑަކަށް 9،000 ޓަނުގެ މުދާ ބޭރުކޮށްފައިވެ އެވެ.

އެއާޕޯޓު ހާލަތު އިޔާދަވަމުން އަންނަކަން އެންމެ ބޮޑަށް ފެނިގެންދަނީ އެއާޕޯޓަށް ޖެއްސި ފްލައިޓުތަކުގެ އަދަދުންނެވެ. އެގޮތުން އެ އެއާޕޯޓަށް 2019 އަހަރު 27،000 އަށްވުރެ ގިނަ ބައިނަލްއަގްވާމީ ފްލައިޓު ޖެއްސިއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 25،000 އަށް މަތިކޮށް 2019 އަހަރާ ބޮޑުތަނުން ކައިރިކޮށްފަ އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި އެތެރޭގެ އުދުހުންތަކަށް 2019 ވަނަ އަހަރު 35،000 ދަތުރު ކުރިއިރު، މިދިޔަ އަހަރު އެ އަދަދު 23،000 ވުރެ ގިނަ ދަތުރުކުރި އެވެ.

ވެލާނާ އެއާޕޯޓުން މިދިޔަ އަހަރު ދުނިޔޭގެ 26 ގައުމަކަށް ސީދާ ދަތުރު ކުރެވެ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ކުރިއެރުމެކެވެ. އެ އަހަރު ސީދާ ދަތުރު ކުރެވެނީ 19 ގައުމަކަށެވެ. ނަމަވެސް އެ އަހަރު 43 މަންޒިލަކަށް ދަތުރު ކުރެވޭއިރު، މިދިޔަ އަހަރު 41 މަންޒިލަކަށް ދަތުރުކުރެވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަދާފައިވާ އާ ސީޕްލޭންގެ ހިދުމަތް އަންނަ އޭޕްރީލްގައި ފަށައި އާ ރަންވޭ މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭނުން ކުރަން ފަށާނެ އެވެ.