އުރީދޫ މޯލްޑިވްސްއިން މިދިޔަ އަހަރުގެ ފައިސާއިން ހިއްސާއަކަށް 2.70 ރުފިޔާ ބެހުމަށް ނިންމައިފި އެވެ.

މިގޮތަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގަ އެވެ.

ހިއްސާއަކަށް 2.70 ރުފިޔާ ބެހުމަށް ފާސް ކުރާނީ އެކުންފުނީގެ އާއްމު އެ ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

އުރީދޫގެ ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

އަހަރީ އާއްމު ޖަލްސާ އޮންނާނީ އަންނަ މަހުއެވެ.

އުރީދޫން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މި މަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް މި ޖަލްސާގައި ބައިވެރިވެވޭނެ އެވެ.

އުރީދޫގެ ބޯޑު ބައްދަލުވުމުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދުގެ އިތުރުން ކުންފުނީގެ އަހަރީ ރިޕޯޓުތައް ވެސް ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓުތައް މި މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.